about 16 hours 1
ލީވާން އަލީ ނާސިރު
އެމްޓީސީސީއިން ދުއްވާ އާރްޓީއެލް ފެރީތަކެއް: ޑިޒައިންކޮށް ބިޑް ހުށަހަޅަން ދިނީ އެންމެ 16 ދުވަސް -- ފޮޓޯ: އެމްޓީސީސީ
about 16 hours 1
އެމްޓީސީސީއަށް 10 ފެރީ ޑިޒައިންކޮށް، ބަނދެދީ، ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލިއިރު، ޝަރުތުތައް ތައްޔާރުކޮށްފައި އޮތީ ވަކި ބަޔަކަށް ޕްރޮޖެކްޓު ދިނުމަށް ކަމަށް ޝައްކު ކުރެވޭތީ މިއަދު ބޭއްވި ޕްރީބިޑް ބައްދަލުވުން ހޫނުވެއްޖެ އެވެ.
ހައި ސްޕީޑް 10 ފެރީ ބަނދެދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާނު ކުރި ނޮވެމްބަރު 7، ގަ އެވެ. އެ ޕްރޮޖެކްޓުގެ މައުލޫމާތު ސެޝަން ކުރިއަށްދިޔައީ މިއަދު ހެނދުނެވެ. އެ ބައްދަލުވުމުގައި ގާތްގަނޑަކަށް ހަ ކުންފުނިން ބައިވެރިވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ކުންފުންޏެއްގެ އިސް ވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ، އެމްޓީސީސީން ދިން މައުލޫމާތުތަކަށް ބަލާއިރު، އެއީ ވަކި ބަޔަކަށް ދިނުމަށް ރާވައިގެން ހުޅުވާލާފައި އޮތް ބިޑެއްކަން އެނގޭ ކަމަށެވެ.
އެންމެ ބޮޑު އެއް މައްސަލަ ކަމަށް މި ނޫހާ ވާހަކަ ދެއްކި ކުންފުނިން ބުނީ އުޅަނދު ޑިޒައިން ކުރަން ދީފައި އޮތް މުއްދަތެވެ. ޑިޒައިންކޮށް، އަންދާސީ ހިސާބު ހުށަޙަޅަންޖެހެނީ ޑިސެމްބަރު 1، ގެ ނިޔަލަށެވެ.
"އެންމެ 16 ދުވަސް މި ލިބެނީ ފެރީ ޑިޒައިން ކުރަން. މިވަރުގެ ބޮޑު ކަމަކަށް ބުއްދި ވެސް ގަބޫލު ނުކުރެވޭހާ ކުޑަ ދުވަސްކޮޅެއް އެއީ،" އެ ކުންފުނީގެ އިސް މީހަކު، ނޫހުގައި ނަން ނުޖެހުމަށް އަދި ވާހަކަ ދައްކަމުން ބުންޏެވެ.
އެހެން މައްސަލައެއްގެ ގޮތުގައި އެ ކުންފުނިން ބުނީ ބިޑަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭނެ ކަމަށް ބަޔާން ކުރާ އޭއައިއޭއެސް ސެޓްފިކެޓެވެ. އެއީ އާންމުކޮށް ދިވެހި ކުންފުނިތަކުން ނުހޯދާ އަދި މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދަން އުނދަގޫ ސެޓްފިކެޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ޑިސެމްބަރު އެކަކަށް ބިޑު ހުށަހަޅަންޖެހޭއިރު މި ސެޓްފިކެޓެއް ނުހޯދޭނެ އެ މުއްދަތަކަށް މި ސެޓިފިކެޓް ކުރިން ހޯދާފައި ހުރި ބަޔަކަށް ނޫނީ. މިއީ ހަމަ ސީދާ ވަކި ބަޔަކަށް ބިޑު ދޭންވެގެން ހިމަނާފައި އޮތް ޝަރުތެއް،" އެ ކުންފުނިން ބުންޏެވެ.
އަނެއް މައްސަލައަކީ، 24 މަސްދުވަސް ނުވަތަ ދެ އަހަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޫކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ޝަރުތު ކުރުމެވެ. ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް އެކަން ކުރަން އުނދަގޫވާނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
މިއަދުގެ ޕްރީބިޑް މީޓިންގައި އެމްޓީސީސީގެ އެއްވެސް ޓެކްނިކަލް ޓީމަކުން ބައިވެރިއެއް ނުވެ އެވެ. އެހެންކަމުން ކުންފުނިތަކުން އަމާޒު ކުރި ގިނަ ސުވާލުތަކަކަށް ޖަވާބެއް ނުލިބުނެ އެވެ. ޓެކްނިކަލް ޓީމަކާއެކު އަލުން މައުލޫމާތު ސެޝަނެއް ބާއްވަން ކުންފުނިތަކުން އެދުމުން އެމްޓީސީސީން ބުނީ އެކަން ވޭތޯ ބަލައިދޭނެ ކަމަށެވެ.
ދިވެހި ކުންފުނިތަކަށް އިސްކަން ނުދީ އެ ޕްރޮޖެކްޓަށް ބިޑު ކުރަން ހުޅުވާލުމުން ވެސް ބައެއް ކުންފުނިތަކުން މައްސަލަ ޖެއްސި އެވެ. ހައި ސްޕީޑް އުޅަނދު ބަންނަން ބިޑަށް ހުޅުވާލީ ބޭރު ކުންފުނިތައް ހިމެނޭ ގޮތަށް އެންމެނަށް ވެސް ބިޑު ކުރެވޭ ގޮތަށެވެ. ބޯޓިން އިންޑަސްޓްރީގައި ހުޅުވާލާ ކޮންމެ ބިޑެއްގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރ. އިންނަމާދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ބޯޓް ބިލްޑިން އިންޑަސްޓްރީގައި ދިވެހި ކުންފުނިތަކަށް ސަރުކާރުން އިސްކަން ނުދޭތީ ވަރަށް ބޮޑަށް އެއިރުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
"ބޯޓް ބިލްޑިން އަކީ އަޅުގަނޑުމެންގެ ވަރަށް ފަންނުވެރި މަސައްކަތެކޭ. އެހެން ނަމަވެސް ފާހަގަވާ ކަމަކީ ދިވެހިން މި މަސައްކަތުގައި ކުރިއަށް ދިއުމަށް ސަރުކާރުން އެހާ ބޮޑު ސަމާލުކަމެއް ނުދޭ. ދިވެހީން މި މަސައްކަތުގައި ކުރިއަށް ދިއުމަށް ފުރުސަތު ނުލިބެނީ ސަރުކާރުގެ މަޝްރޫއުތަކުގައި އިންވެސްޓުކޮށްފައި ތިބި ފަރާތްތަކަށް ބޭރު ފަރާތްތަކުން އިސްކަންދޭތީ. ދިނީމާ ދިވެހީންނަށ،ް ދިވެހި ކުންފުނިތަކަށް ކުރިއަށް ދިއުމަށް އޮންނަ މަގު ވަރަށް ބޮޑަށް ކުޑަވޭ،" ސެޕްޓެމްބަރު 21، 2023، ގައި ރައީސް ވިދާޅުވި އެވެ.
އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް އެ ދުވަހު އިއުލާނު ކުރެއްވީ ބޯޓް ބިލްޑިން ދާއިރާއަށް އަމާޒުކޮށް އެމަނިކުފާނުގެ ސަރުކާރެއްގައި އިއުލާނު ކުރާ ކޮންމެ ބިޑެއްގައި ދިވެހިންނަށް އިސްކަން ދެއްވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޯޓް ބިލްޑިން އިންޑަސްޓްރީގައި ސަރުކާރުގެ ކޮންމެ ބިޑެއްގައި އިސްކަން ދޭނީ ދިވެހިންނަށް ކަމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
Comment