19 އޮކްޓޯބަރު 2024 - 12:59 1
ލީވާން އަލީ ނާސިރު
އިއްޒުއްދީން ފާލަން މަރާމާތުކުރަން ފާލަން ރޫޅާލާފައި: މި ފާލަން މަރާމާތުކުރަނީ 11.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން -- ފޮޓޯ: ސޯޝަލް މީޑިއާ
19 އޮކްޓޯބަރު 2024 - 12:59 1
ގައުމިއްޔަތު އަދި ސަގާފަތް ރަމްޒުކޮށްދޭ ޑިޒައިނެއްގައި އެމްޓީސީސީން ތަރައްގީ ކުރަމުންދާ މާލޭ އިއްޒުއްދީން ފާލަމުގެ މަސައްކަތް ހުއްޓިފައި އޮތީ އެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ނުލިބިގެން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ މިކަމާ ގުޅޭ މައުލޫމާތު ދެއްވަމުން "އަދަދު" އަށް ވިދާޅުވީ ފާލަމަށް ބޭނުންވާ މެޓީރިއަލްއަށް އޯޑަރު ކޮށްފައިވާ ކަމަށާއި އެ ތަނުގެ ސްޓްރަކްޗާއަށް ބޭނުންވާ ބައެއް ތަކެތި މެނުފެކްޗާ ކޮށްގެން ގެންނަނީ ބޭރުން ކަމަށެވެ.
"އެއަށް ބޭނުންވާ ބައެއް މެޓީރިއަލް އޯޑަރު ކޮށްގެން އެ އެއްޗެހި އެރައިވްވާ ޑޭޓަށް ޓައިމްލައިން ތެރޭގައި މިއުޅެނީ. ބައެއް ސްޓްރަކްޗަރަލް އެއްޗިއްސަކީ ބޭރުން މެނުފެކްޗާ ކޮށްގެން އަންނަ އެއްޗެހި. ޝިޕިންގެ ތެރޭގައި މިހާރު އެ އުޅެނީ،" ސައުދީ ވިދާޅުވި އެވެ.
ފާލަމުގެ މަސައްކަތް ނިންމުމަށް ޓާގެޓް ކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ފަހު ހަފްތާއަށްކަން ފާހަގަކުރައްވާ ސައުދީ ވިދާޅުވީ ކަނޑައެޅިފައިވާ ޓައިމްލައިނަށް މަސައްކަތް ނިމޭނެ ކަމަށެވެ.
އެމްޓީސީސީން ބުނީ 11.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަލުން ހަދާ އެ ފާލަމަކީ ގިނަ ދުވަހު ބޭނުން ކުރެވޭ ފާލަމަކަށްވާނެ ކަމަށެވެ.
ބައްތެއްޔެއްގެ ޑިޒައިނަށް ކުރިން ފަރުމާކުރި އިއްޒުއްދީން ފާލަން ހުޅުވީ މީގެ އެންމެ ނުވަ އަހަރު ކުރިން ޖުލައި، 2015، ގަ އެވެ. ނަމަވެސް ފާލަމުގައި ދަބަރު ޖެހުމާއި ބައްތެލީގެ ރިޔާ ގޮތަށް ސިފަވާ ގޮތަށް ހުރި ސަތަރިގަނޑު ހަލާކުވެގެން ދެ ފަހަރަކު މަރާމާރު ކުރަންޖެހުނެވެ. އެއީ ޗައިނާ ސަރުކާރުގެ އެހީގައި ސިފައިން އެޅި ފާލަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިން ބޭނުން ކުރުމަށް ރަސްމީ ފާލަމެއް ބޭނުން ކުރަން ފެށީ 1953 ވަނަ އަހަރެވެ. ކުރިން އެ ފާލަމަށް ކިޔައި އުޅުނީ އެއް ނަންބަރު ޖެޓީ އެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އަލުން ހަދައި ހުޅުވީ އިއްޒުއްދީން ފާލަމުގެ ނަމުގަ އެވެ.
Comment