12 ނޮވެންބަރު 2024 - 16:26 0
ލީވާން އަލީ ނާސިރު
އެމްޓީސީސީގެ އޮފީސް އިމާރާތެއް: ރައީސް ވިދާޅުވެފައި ވަނީ ބޯޓިން އިންޑަސްޓްރީގެ ބިޑުތަކުގައި އިސްކަން ދޭނީ ދިވެހި ކުންފުނިތަކަށް ކަމަށް -- ފޮޓޯ: އަދަދު ފައިލް
12 ނޮވެންބަރު 2024 - 16:26 0
ބޯޓް ބިލްޑިން އިންޑަސްޓްރީގައި ދިވެހިންނަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވައުދުވެވަޑައިގެންފައި އޮތް ނަމަވެސް ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެމްޓީސީސީ އަށް ބޯޓުތަކެއް ބަނެދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެމްޓީސީސީން ނޮވެމްބަރު 7، ގައި ގެޒެޓު ކުރި އިއުލާނުގައި ބުނެފައި އޮތީ ހޯދަނީ އެ ކުންފުންޏަށް 10 ހައި ސްޕީޑް ބޯޓު ޑިޒައިންކޮށް، ބަނެދީ، ސަޕްލައިކޮށްދޭނެ ބަޔަކު ކަމަށެވެ. ބިޑު ކުރުމުގައި ދިވެހިންނަށް އިސްކަން ދޭނެ ވާހަކައެއް އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.
އެމްޓީސީސީގެ މީޑިއާ ޑިޕާޓްމަންޓުގެ އޮފިޝަލު ފޯނު ނުނަގާތީ އެ ކުންފުނީގެ ބަހެއް މި ލިޔުމަކަށް ނުލިބުނެވެ.
ބޯޓް ބިލްޑިން އިންޑަސްޓްރީގައި ދިވެހި ކުންފުނިތަކަށް އިސްކަން ދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ އެމަނިކުފާނުގެ ހަފުތާ 14 ގެ މަގުޗާޓުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރ. އިންނަމާދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ބޯޓް ބިލްޑިން އިންޑަސްޓްރީގައި ދިވެހި ކުންފުނިތަކަށް ސަރުކާރުން އިސްކަން ނުދޭތީ ވަރަށް ބޮޑަށް އެއިރުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
"ބޯޓް ބިލްޑިން އަކީ އަޅުގަނޑުމެންގެ ވަރަށް ފަންނުވެރި މަސައްކަތެކޭ. އެހެން ނަމަވެސް ފާހަގަވާ ކަމަކީ ދިވެހިން މި މަސައްކަތުގައި ކުރިއަށް ދިއުމަށް ސަރުކާރުން އެހާ ބޮޑު ސަމާލުކަމެއް ނުދޭ. ދިވެހީން މި މަސައްކަތުގައި ކުރިއަށް ދިއުމަށް ފުރުސަތު ނުލިބެނީ ސަރުކާރުގެ މަޝްރޫއުތަކުގައި އިންވެސްޓުކޮށްފައި ތިބި ފަރާތްތަކަށް ބޭރު ފަރާތްތަކުން އިސްކަންދޭތީ. ދިނީމާ ދިވެހީންނަށ،ް ދިވެހި ކުންފުނިތަކަށް ކުރިއަށް ދިއުމަށް އޮންނަ މަގު ވަރަށް ބޮޑަށް ކުޑަވޭ،" ސެޕްޓެމްބަރު 21، ގައި ރައީސް ވިދާޅުވި އެވެ.
އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް އެ ދުވަހު އިއުލާނު ކުރެއްވީ ބޯޓް ބިލްޑިން ދާއިރާއަށް އަމާޒުކޮށް އެމަނިކުފާނުގެ ސަރުކާރެއްގައި އިއުލާނު ކުރާ ކޮންމެ ބިޑެއްގައި ދިވެހިންނަށް އިސްކަން ދެއްވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޯޓް ބިލްޑިން އިންޑަސްޓްރީގައި ސަރުކާރުގެ ކޮންމެ ބިޑެއްގައި އިސްކަން ދޭނީ ދިވެހިންނަށް ކަމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
Comment