14 ނޮވެންބަރު 2024 - 17:24 0
ސާއިފް ޝިޔާދު
14 ނޮވެންބަރު 2024 - 17:24 0
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމުކުރާ މިންވަރަށް ފައިސާ ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ކައުންސިލްތަކަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ބްލޮކް ގްރާންޓް ދޫކުރުމަށް މިހާރު އޮތް ފޯމިއުލާއަށް ބަދަލުތަކެއް ގެނެސް އަލުން އެކުލަވާލުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފި އެވެ.
މިއަދު ކުރިއަށްދާ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓު އޮފީހުގެ ފަރާތުން ދިން ޕްރެޒެންޓޭޝަންގައި ވަނީ ބައެއް ކައުންސިލްތަކަކީ މިވަގުތު ވެސް އަމިއްލަ އާމްދަނީގެ ގޮތުގައި ފައިސާ ލިބޭ ކައުންސިލްތަކެއް ކަމަށާއި އަދި އިތުރަށް ފައިސާ ވެސް ލިބޭނެ މަގު އޮތް ބައެއް ކަމަށެވެ.
"ދައުލަތުގެ ފިސްކަލް ހާލަތާ ބައްދަލު މިންވަރަށް ދައުލަތުގެ ޖުމުލަ ހަރަދުތައް ހިފެހެއްޓުމުގެ ގޮތުން ކައުންސިލްތަކުގެ ގްރާންޓުގެ އަދަދާއި އެ ފައިސާ ދޫކުރާ ގޮތުގެ ފޯމިއުލާ އަލުން އެކުލަވާލުމަކީ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑުމެން ދެކެން," އޮޑިޓު އޮފީހުން ބުނެފަައިވެ އެވެ.
އޭގެ އިތުރުން, ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ. އަދި ބްލޮކް ގްރާންޓް ބެހުމުގައި ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ލަފާ ދީފަ އެވެ.
"ކައުންސިލްތަކަށް ދޫކުރާ ގްރާންޓް ޖުމުލަ އަދަދު ބެހުމުގައި ކައުންސިލްތަކުގެ މާލީ ހާލަތު ވަޒަންކޮށް އާމްދަނީ ހޯދުމުގައި ހުރި ފުރުސަތުތައް ބަލައި ހަމަހަމަކަން އިތުރުވާނެ ގޮތެއްގައި ބްލޮކް ގްރާންޓް ދިނުމަކީ ރަނގަޅު ގޮތެއް," އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ޖުމުލަ އާމްދަނީގެ ގޮތުގައި ޖަހާފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަނީ މި ފައިސާގެ ތެރެއިން ވަކި ކަމަކަށް ކަނޑައަޅާފައި ހުންނަ ފައިސާ އާއި ބިމު ކުލިން ލިބޭ އާމްދަނީ އަދި ޓްރަސްޓް ފަންޑް އާމްދަނީ އުނިކުރުމަށް ފަހު އެވެ.
"އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި މި ގޮތަށް އުނިކުރަން ޖެހޭ ބައިތައް އުނިކުރުމަށް ފަހު ޖެހޭ އާމްދަނީއަކީ 27.9 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.3 ބިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއަށް އިތުރުކުރަން ޖެހެނީ ރިސޯޓުތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ 40 ޕަސެންޓެވެ. އެއީ 747.7 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން މަދުވެގެން 2.1 ބިލިއަން ރުފިޔާ ކައުންސިލްތަކަށް އެހީދޭން ބަޖެޓުގައި ޖަހަން ޖެހެ އެވެ. ބްލޮކް ގްރާންޓްގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ޖަހާފައި އޮތީ 1.4 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން ވަނީ މަދުވާ ބައި ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސާނެކަން ހާމަކޮށްފަ އެވެ. އަދި, އެކަން އެގޮތަށް ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ ސިޓީއެއް ވެސް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. ބަޖެޓު ފާސްވެގެން އަންނައިރު ގާނޫނުން ލާޒިމު ކުރާ އަދަދަށް ފައިސާ އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
Comment