Advertisement

ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ބިލަށް އިތުރު ކުރި ދެ އިސްލާހާ އެކު މަޖިލީހުން ފާސްކޮށްފި

13 ނޮވެންބަރު 2024 - 13:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ަމީގެ ކުރިން އޮތް މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ބިލަށް އިތުރު ކުރި ދެ އިސްލާހާ އެކު މަޖިލީހުން ފާސްކޮށްފި

13 ނޮވެންބަރު 2024 - 13:25 0

ސިޔާސީ ޕާޓީތަކުގެ ވަކިވަކި މެންބަރުންނާއި ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް މުޅި މަޖިލީހުގެ ކޮމިޓީން އިތުރުކުރި ދެ އިސްލާހާއެކު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 61 މެންބަރުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއިރު، އެއްވެސް ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ސަރުކާރުގެ ފަރާތުން، ވެރިކަން ކުރާ ޕީއެންސީގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނާ ހިލާފުވާ ވަކިވަކި މެންބަރުންގެ އިތުރުން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ވެސް 100،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

އެ ބިލު ދިރާސާ ކުރީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ދިރާސާ ކުރި މަރުހަލާގައި މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެ ބިލަށް އިތުރު ދެ އިސްލާހެއް ގެނެސްފަ އެވެ.

އެގޮތުން އުވާލާ ޕާޓީތަކުގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ކުރިއަށް އޮންނަ ފަސް އަހަރަށް ބޭނުން ނުކުރޭވެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 41 މެންބަރުންގެ ވޯޓުންނެވެ.

އޭގެއިތުރުން، ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބާއްވާ ޕާޓީތައް އުވޭގޮތަށް މީގެ ކުރިން ގާނޫނުގައި އޮތް މާއްދާ އުވާލުމަށްވެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި އެވެ. އެ އިސްލާހު ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައި މިވަނީ ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕީއެމް އުވައިލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޕާޓީ އުވައިލުމުގެ މަސައްކަތް ފަސޭހަ ކުރުމަށް އަސާސީ ގަވާއިދު އިސްލާހުކޮށް އެ ޕާޓީގެ ލީޑަޝިޕަށްވެސް މި ފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެހެންނަމަވެސް ޕާޓީ އުވައިލުމާ ގުޅޭގޮތުން އެ ޕާޓީގެ އިސްވެރިން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ.