17 ނޮވެންބަރު 2024 - 18:37 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކުރައްވަނީ : މިއާއެކު އުވާލާ ޕާޓީތަކުގެ ނަމާއި ކުލަ ފަސް އަހަރު ވަންދެން ބޭނުމެއް ނުކުރެވޭނެ ---- ފޮޓޯ: ރައީސް އޮފީސް
17 ނޮވެންބަރު 2024 - 18:37 0
އުވާލުމަށް ނިންމާ ސިޔާސީ ޕާޓީތަކުގެ ކުލަޔާއި ނަމާއި ނިޝާން، އެ ޕާޓީއެއް އުވާލާތާ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވުން ހިމެނޭހެން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ނޮވެމްބަރު 13، ގަ އެވެ. އެ ބިލު ފާސްކުރަން ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 61 މެންބަރުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުގެ ފަރާތުން، ވެރިކަން ކުރާ ޕީއެންސީގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނާ ހިލާފުވާ ވަކިވަކި މެންބަރުންގެ އިތުރުން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ވެސް 100،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ. މި ބިލުގެ ކޮމިޓީ މަރުހަލާގައި ޖުމްލަ ދެ ބަދަލެއް ގެނަ އެވެ.
އެގޮތުން އުވާލާ ޕާޓީތަކުގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ކުރިއަށް އޮންނަ ފަސް އަހަރަށް ބޭނުން ނުކުރޭވެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 41 މެންބަރުންގެ ވޯޓުންނެވެ.
އޭގެއިތުރުން، ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބާއްވާ ޕާޓީތައް އުވޭގޮތަށް މީގެ ކުރިން ގާނޫނުގައި އޮތް މާއްދާ އުވާލުމަށް ވެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި އެވެ. އެ އިސްލާހު ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައި މިވަނީ ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕީއެމް އުވައިލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޕާޓީ އުވައިލުމުގެ މަސައްކަތް ފަސޭހަ ކުރުމަށް އަސާސީ ގަވާއިދު އިސްލާހުކޮށް އެ ޕާޓީގެ ލީޑަޝިޕަށްވެސް މި ފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
އެހެންނަމަވެސް ޕާޓީ އުވައިލުމާ ގުޅޭގޮތުން އެ ޕާޓީގެ އިސްވެރިން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަވަ އެވެ.
Comment