Advertisement

ޕީއެންސީ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ބައެއް ކެންޑިޑޭޓުން ނަން ނަގައިފި

ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ޕީއެންސީ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ބައެއް ކެންޑިޑޭޓުން ވަނީ ނަން ނަގާފައި -- ފޮޓޯ: އަދަދު ފައިލް


ޕީއެންސީ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ބައެއް ކެންޑިޑޭޓުން ނަން ނަގައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލީ ބައެއް ކެންޑިޑޭޓުންގެ ނަންތައް އުނިކޮށް، ކުރިމަތި ނުލާ މީހުންގެ ނަން އިތުރުކުރި މައްސަލައާ ގުޅިގެން ބައެއް ކުރިމަތިލި ބައެއް ކެންޑިޑޭޓުން އަނބުރާ ނަން ނަގައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދެއްކި ބައެއް ކެންޑިޑޭޓުން ބުނީ ނަން ނުހިމަނައި ލިސްޓު ހެދުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކެންޑިޑެންސީ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

"ކަންތައް ކުރިގޮތާ މެދު ހިތްހަމަ ނުޖެހިގެން ނަން އަނބުރާ ގެންދިޔައީ. ކުރިމަތި ވެސް ނުލާ މީހުން ވޯޓާ ނުލައި ފުރަތަމަ ހޮވީ،" ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓަކު ބުންޏެވެ.

އޭގެއިތުރުން ބައެއް ކެންޑިޑޭޓުން ވަނީ ކެންޑިޑެންސީ އަނބުރާ ގެންދަން ޕާޓީން ބުނުމުން އެކަމާ ދެކޮޅު ހަދާފަ އެވެ.

އެގޮތުން ޕީއެންސީން ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ދާއިރާތަކާއި ރަށްތައް އަދި ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރިއިރު އެ ލިސްޓުގައި އެ ކެންޑިޑޭޓުންގެ ނަން ވަނީ ހިމަނާފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ލިސްޓު ނޮވެމްބަރު 13، ގައި އިއުލާނު ކުރިއިރު، ބައެއް ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ބައެއް މީހުން ކުރިމަތިލީ ދާއިރާ ނޫން އެހެން ދާއިރާތަކަށް ބަދަލު ކޮށްފައި ހުރި ކަމަށް ތުހުމަތުކޮށް ޕީއެންސީގެ ބައެއް މެންބަރުން މި ނޫހަށް އޭރު މައުލޫމާތު ދިނެވެ.

ޕީއެންސީން އެ ލިސްޓު ބާތިލުކޮށް އާ ލިސްޓެއް ނެރުނީ ކުރީގެ ލިސްޓުގައި މައްސަލަތައް ހުރީ އިދާރީ އޮޅުމަކުން ކަމަށް ބުނުމަށްފަހު އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު 19، އަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ބޭނުންވާ ކަމަށް ބުނެ ނޮވެމްބަރު 9، އަށް ފަސް ކުރުމަށްފަހު، އިންތިހާބު މިހާރު ބާއްވަން ނިންމާފައިވާ ނޮވެމްބަރު 23، އަށް އިންތިހާބު އަނެއްކާ ވެސް ފަސް ކުރީ އެވެ.

މީގެ ކުރިން ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ނަން އުނި ކުރުމުން ކަންބޮޑުވުން އުފެދި އޭގެ ތެރެއިން ބައެއް މީހުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ވެސް ކުރި އެވެ.

އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހުމާން އަކީ އެފަހަރު ޕާޓީގެ ޓިކެޓު އަތުލުމުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ކާމިޔާބު ކުރި މެންބަރެކެވެ.