12 ނޮވެންބަރު 2024 - 23:11 0
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ޕްރިފެރެންޝަލް ވޯޓަށް ދަނީ ވޯޓު ގަނޑުބަނޑު ކުރަން ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
12 ނޮވެންބަރު 2024 - 23:11 0
ޕްރިފެރެންޝަލް ވޯޓަށް ދާން ސަރުކާރުން ބޭނުންވަނީ ވޯޓު ގަޑުބަޑުކޮށް ވޯޓު އޮޅުވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކަމަށާއި ގަދަކަމުން ހޯދާފައި އޮތް ވޯޓުގެ ހައްގު ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން "ފުދިއްޖެ-ފުނޑިއްޖެ" ނަމުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ނަމުގައި ޕްރިފެރެންޝަލް ވޯޓު ނަގަން އުޅެނީ 2008 ގެ ކުރީގައި އޮތް ގޮތަށް ވޯޓު ގުނުމުގެ ނަމުގައި މާލެއަށް ވޯޓުފޮށިތައް ގެނެސް ވޯޓު ފޮށީގައި ބަނޑު އެޅުމަށް ކަމަށެވެ.
"މި ހަދަން އުޅޭ އެއްޗަކީ ޕްރިފެރެންޝަލް ވޯޓު ގުނާނީ މާލޭގައޭ ކިޔާފައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް މާލެ ގެނެސް، ވޯޓު ފޮށީގައި ބަނޑު އެޅުމުގެ މަސައްކަތް އަނެއްކާ މި ފައްޓަވަނީ. އަނެއްކާ މިއުޅެނީ 2008 ގެ ކުރިއަށް މި ގައުމު ގެންދަން. އެ ފުރުސަތު އަޅުގަނޑުމެން ދީގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި ވޯޓު ގުނަން ޖެހޭނީ މިހާރު ވެސް އެކަން ކުރާ ގޮތަށް ކަމަށާއި ވޯޓުގެ ނަތީޖާ ނެރެން ޖެހޭނީ ވޯޓުލާ މިހާގެ ކުރިމަތީގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މި ގައުމު ރަސްކަމަކަށް ބަދަލުކޮށްލަންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގައި ވޯޓު ގުނާ ގޮތް އެހެން ގޮތަކަށް ބަދަލުކޮށްފިނަމަ ގައުމު ރަސްކަމަކަށް ބަދަލުކޮށް ލިބިފައި އޮތް ހުރިހާ ހައްގެއް ނިގުޅައިގަންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރަސީ މިއަދު މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ދިމާލަށް މިސްރާބު ޖަހާފައި. މިއަދު ވެރިކަމުގައި ހުންނެވި ރައީސްގެ ބޭނުންފުޅަކަށް މިވަނީ ރާއްޖެ ރަސްކަމަކަށް ބަދަލުކޮށްލެއްވުން. އެ ދިމާލަށް ހިފާފައި މިހުރީ. ނަމަނަމަ އެ ފުރުސަތު ނުދެއްވާތި،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ޕްރިފެރެންޝަލް ވޯޓު ނަގާ ވާހަކަ ދެއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެގޮތުން ޝާހިދު ވިދާޅުވީ މިހާރުން ފެށިގެން އަޒުމު ވަރުގަދަ ކުރަންވީ މި ސަރުކާރު ބަލިކޮށްލައި، ސަރުކާރަށް ޖާގައެއް ނުދިނުމަށް ކަމަށާއި އެމްޑީޕީ އޮތީ އެ އަޒުމުގައި ކަމަށެވެ.
Comment