6 ޖަނަވަރީ 2026 - 10:20 0
ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު މޫސާ ރަޝީދު (އެސްޕީ)، ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ކޯހެއްގެ ތެރެއިން.--- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް / ފޭސްބުކް
6 ޖަނަވަރީ 2026 - 10:20 0
ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު މޫސާ ރަޝީދު (އެސްޕީ)، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.
މީގެ ކުރިން، އެތުލެޓިކްސް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރަަކަށް މަސައްކަތް ކުރަމުން އައި މަޝްހޫރު ކޯޗު، އަހުމަދު ފާއިލް އެވެ. އޭނާގެ ބަދަލުގައި، އެސްޕީ، ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސުމާ ގުޅޭގޮތުން، އެތުލެޓިކްސް އެސޯސިއޭޝަނުން "އަދަދު ސްޕޯޓްސް" އަށް ބުނީ، މިއީ، އެސޯސިއޭޝަންގެ ޓެކްނިކަލް ކަންކަން ހިންގުމަށް ގެނައުމަށް ހަމަޖެހިފައިވާ ސްޓްރަކްޗަރަލް ބަދަލުގެ ތެރެއިން އައި ކަމެއް ކަމަށެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުރި އެސްޕީ އަކީ، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް)ގެ ޓްރެކް އެންޑް ފީލްޑް ކޯޗިންގެ ލެވަލް 5 ފުރިހަމަކޮށްފައިވާ ކޯޗެކެވެ. މިއީ، މި ލެވަލްގެ ކޯޗިންގައި ނެގޭނެ އެންމެ މަތީ ފާހެވެ. އަދި، އޭނާ އަކީ، އައިއޭއޭއެފް ކޯޗިން ލެކްޗަރާއެއްގެ ލެވަލް 2 ގެ ފާސް އޮތް ފަރާތެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ކޯޗަސް ޑިވެލޮޕްމަންޓް ޑިރެކްޓަރެއްގެ ގޮތުގައި، 2010 އިން 2022 އަށް މަސައްކަތްކުރި އެސްޕީ އަށް ވަނީ 2004 ވަނަ އަހަރު ޒުވާނުންގެ އާންމު ހިދުމަތުގެ ގައުމީ އިނާމް ލިބިފަ އެވެ. އަދި، ކުޅިވަރަށް ހިދުމަޓް ކުރުމުގެ ރޮނގުން، 2013 ވަނަ އަހަރު އެސްޕީ އަށް ވަނީ ގައުމީ އިނާމް ވެސް ލިބިފަ އެވެ.
ކުޅިވަރު ގައުމީ މަޖިލީހުގައި އޮލިމްޕިކް ކުޅިވަރު ތަމްސީލްކުރާ މެމްބަރަކަށް 2023-2025 އަށް ހުރި އެސްޕީ ވަނީ ގައުމީ އެތުލެޓިކްސް ކޯޗަކަށް 2003-2007 އަށް މަސައްކަތްކޮށްފަ އެވެ. އަދި، ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ކޯޗަކީ ވެސް އެސްޕީ އެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ކޯޗަސް ކޮމިޓީގެ ޗެއާމަންކަން، 2005-2008 އަށް ކުރި އެސްޕީ އަކީ، އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް 2008 އިން 2012 ގެ ޖޫން މަހާ ހަމައަށް މަސައްކަތްކުރި ފަރާތެކެވެ. މާޝަލް އާޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމާއި ޖިމްނާސްޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއާމަންކަން ވެސް މީގެ ކުރިން ކޮށްފައިވާ އެސްޕީ ވަނީ އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީގައި 2011-2015 އަށް މަސައްކަތްކޮށްފަ އެވެ.
Comment