12 ނޮވެންބަރު 2024 - 01:00 0
12 ނޮވެންބަރު 2024 - 01:00 0
ލަންޑަން (ނޮވެމްބަރު 12) - އިނގިރޭސި ރެފްރީ، ޑޭވިޑް ކޫޓް، ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ބަދުބަސްތަކެއް ބުނާ ވީޑިއޯއެއް ވައިރަލްވެ، އޭގެ ތަހުގީގެއް ފަށައި، އޭނާ ސަސްޕެންޑްކުރަން ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ނިންމައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީކަން، 2018 އިން ފެށިގެން ކުރަމުން އަންނަ ކޫޓް، 42، ގެ ވައިރަލްވި މި ވީޑިއޯގައި އޭނާ ވަނީ، 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގައި ޓަޗްލައިންގައި ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ލިވަޕޫލްގެ އޭރުގެ ކޯޗު ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.
އަދި އެ ވާހަކަތަކަށް ފަހު، ކޫޓް ވަނީ ޖުމްލަކޮށް މުޅި ލިވަޕޫލާ މެދު އޭނާ ހިތުގައި ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް، ބޭއަދަބީ އިބާރާތް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.
މި ވީޑިއޯ ވައިރަލް ވުމާ އެކު، ވީޑިއޯގެ ސައްހަކަން ކަނޑައެޅުމާއި އެކަމާ ގުޅޭގޮތުން ކޫޓް އަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުގެ ގޮތުން، ޕީޖީއެމްއޯއެލް އިން ވަނީ ތަހުގީގު ފަށައިފަ އެވެ.
ތަހުގީގުގެ މި މުއްދަތު ތެރޭގައި ވެސް ކޫޓް އަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރަން ވެސް ނިންމީ އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލުން ކުޅުނު މެޗުގައި އެސްޓަން ވިލާ އަތުން 2-0 އިން މޮޅުވިއިރު، ރެފްރީ އަކީ ކޫޓް އެވެ. ކޫޓްގެ މި ވީޑިއޯ ވައިރަލްވުމާ އެކު، މީގެ ކުރިން އޭނާއާ ބެހޭގޮތުން ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ވެސް އަންނަނީ ދައުރުވަމުންނެވެ.
ލިވަޕޫލްގެ ގިނަ ސަޕޯޓަރުންތަކެއް ކޫޓްއާ މެދު ހިތްހަމަނުޖެހުންތައް ފެށުނީ، 2020 ވަނަ އަހަރު އޮކްޓޫބަރު މަހު އެވަޓަން ދަނޑުގައި ލިވަޕޫލާ ކުޅުނު މެޗުގައި، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކަލް އަކުން ލިވަަޕޫލްގެ ވާޖިލް ވެން ޑައިކް އަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، އެ މެޗުގެ ރެފްރީ އަކަށް ކޫޓް ހުރެ ފިޔަވަޅެއް ނޭޅުމުންނެވެ.
މީގެ އިތުރުން، މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި، އާސެނަލްގެ މާޓިން އޮޑެގާޓް އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން، އެ ޕެނަލްޓީއެއްތޯ ބަލަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގައި ހުރެ، ކޫޓް ދެކޮޅު ހެދުމުން ވެސް އޭނާ އަށް ލިވަޕޫލްގެ ފާޑުކިޔުން އަމާޒުވި އެވެ.
Comment