ސައޫދީގެ ލީޑަޝިޕުގެ ދަށުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަން ރައީސް ގޮވާލައްވައިފި

11 ނޮވެންބަރު 2024 - 14:55 1

މުހައްމަދު ޝަހްޒާން

މ

ސައޫދީގައި މިހާރު ކުރިއަށްދާ އެކްސްޓްރާ އޯޑިނަރީ އަރަބް އެންޑް އިސްލާމިކް ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ސައޫދީގެ ލީޑަޝިޕުގެ ދަށުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަން ރައީސް ގޮވާލައްވައިފި

11 ނޮވެންބަރު 2024 - 14:55 1

އިޒްރޭލުން ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން އިސްލާމީ ހުރިހާ ގައުމަކުން މަަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.

ސައޫދީއަރަބިއްޔާގައި މިހާރު ކުރިއަށްދާ އެކްސްޓްރާ އޯޑިނަރީ އަރަބް އެންޑް އިސްލާމިކް ސަމިޓުގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ ފަލަސްތީނު-އިޒްރޭލު މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ އިއްތިހާދެއް އުފެއްދުމަށް ސައޫދީއަރަބިއްޔާއިން ކުރަމުންދާ މަސައްކަތަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"އިސްލާމީ ދުނިޔޭގެ ލީޑަރެއްގެ ހައިސިއްޔަތުން ސައޫދީއަރަބިއްޔާއިން ވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މަގު ދައްކައިފަ، އިސްލާމީ އަދި އަރަބި ހުރިހާ ގައުމުތަކުން ވެސް ސައޫދީއަރަބިއްޔާގެ ލީޑަޝިޕުގެ ދަށުން އެކުގައި މަސައްކަތްކޮށް މާނަހުރި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކައިގައި އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެ ގައުމުތަކުގެ ސަބަބުން އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ގޮތުން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އދ. ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ސަބަބުން ހަނގުރާމައިގެ ކުށްތަކަށް އަދަބު ނުލިބި ނަސްލުހޭދު ހިންގުމަށް އިޒްރޭލުން ބޭނުން ކުރާ ހަތިޔާރު އެމީހުންނަށް ފޯރުކޮށްދިނުމުގެ މަގު އެމީހުންގެ މަދަދުގާރުންނަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބާރުގަދަ ނުފޫޒުގަދަ ގައުމުތަކުން އަމަލު ކުރަމުންދާ ގޮތުން އެނގި ހާމަވެގެން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ އާއި އެހެން އިންސާނުންގެ ފުރާނައިގެ އަގު އެއްވަރު ކަމަށް އެމީހުން ގަބޫލު ނުކުރާކަން،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނާއި ލުބުނާނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަަލުތަކަށް ހާއްސަަ ކުރެއްވި ފަސް މިނެޓެއްހާއިރުގެ ވާހަކަކޮޅު ރައީސް ނިންމަވައިލެއްވީ އެ ސަމިޓަކީ ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް އަމަލު ކުރަން ފަށާ ނުކުތާ ކަމަށް ހެދުމަށް ގޮވައިލައްވަމުންނެވެ.

"އަޅުގަނޑުމެން އެއް އުއްމަތެއްގެ ގޮތުގައި ގަދައަޅައި މަސައްކަތް ނުކޮށްފި ނަމަ، ތާރީހުގައި އަޅުގަނޑުމެންގެ ވާހަކަ ލިޔެވޭނީ ހުތުރުކޮށް، މި ސަމިޓަކީ އަޅުގަނޑުމެންގެ އަޒުމު ހަގީގީ އަމަލުތަކަށް ބަދަލު ކުރާ ނުކުތާ ކަމުގައި ހައްދަވަމާ ހިންގަވާ،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނަށް މާލީ ގޮތުންނާއި ސިޔާސީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވައިލެއްވި އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޖަވާދު

4 months ago

ހަމާސްއަކީ ޔަހޫދީންގެ ނަސްލު ނައްތާލާން އުފައްދާފައިވާ ޖިހާދީ ހަގުރާމަވެރި ޖަމާއަތެއް، އެ ޖަމާއަތުގެ ޤަނޫނުއަސާސީގައިވެސް އޮންނަނީ މަގްސަދަކީ ޔަހޫދީން މެރުމޭ. ދެން އެ މީހުން 1500 އިޒްރޭލްގެ ކުށެއް ނެތް ޢާންމުން އަންހެނުން ކުޑަކުދިން ޤަތުލުކޮށްލީމަ ހަމާސް ނައްތާލާން އިޒްރޭލުން ކުރަނީ ޤާނޫނީ ސައްހަ ހަގުރާމައެއް.