8 މާރިޗު 2025 - 11:55 2
އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވަޑައިގަންނަވަނީ: މިއަހަރު ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް އެބަހުރި -- ފޮޓޯ: އިސްމާއިލް އިމްދާދް / އަދަދު
8 މާރިޗު 2025 - 11:55 2
އިކޮނޮމިކް ކައުންސިލުގެ ހާއްސަ ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަށައިފި އެވެ.
އިކޮނޮމިކް ކައުންސިލަކީ ރައީސުލްޖުމްހޫރިއްޔާއަށް އިގްތިސާދީ ލަފާ އަރުވަން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާ ކުރައްވާ އެ ކައުންސިލުގައި 14 މެންބަރުން ތިއްބަވަ އެވެ.
އިކޮނޮމިކް ކައުންސިލުގެ ހާއްސަ ބައްދަލުވުމެއް މިއަދު މި ބާއްވަނީ ރާއްޖެއިން ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް މި އަހަރު ދައްކަންޖެހިފައި އޮއްވަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުން މި ހިނގާ މާޗް މަހުގެ ނިޔަލަށް އެކަނި ވެސް 150 މިލިއަން ޑޮލަރު ރާއްޖެއިން ދައްކަންޖެހެ އެވެ. އަދި އަންނަ އޭޕްރީލް މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.
މާޗް މަހަށް ދައްކަންޖެހޭ އެއް ލޯނަކީ 50 މިލިއަން ޑޮލަރުގެ ލޯނެކެވެ. އަނެއް ލޯނަކީ ކާގިލް ފައިނޭންޝަލް ސާވިސާސް އިންޓަނޭޝަނަލް އަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮޑު ލޯނެކެވެ.
ރާއްޖެއިން މި އަހަރު ދައްކަންޖެހޭ ޖުމްލަ ދަރަނި 801 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ ކޮމާޝަލް ބޭންކުތަކަށް ދައްކަންޖެހޭ 248 މިލިއަން ޑޮލަރާއި ބޭރު ގައުމުތަކަށް ދައްކަންޖެހޭ 58 މިލިއަން ޑޮލަރާއި އޭޝިއަން ކްލިއަރިން ޔޫނިއަނަށް ދައްކަންޖެހޭ 28 މިލިއަން ޑޮލަރާއި އައިއެމްއެފްއަށް ދައްކަންޖެހޭ 31 މިލިއަން ޑޮލަރާއި އައިއެފްއައި އަށް ދައްކަންޖެހޭ 54،000 ޑޮލަރާއި ޓާމް ޑިޕޮސިޓްސްގެ ގޮތުގައި ދައްކަންޖެހޭ 20 މިލިއަން ޑޮލަރާއި އެހެނިހެން އިދާރާތަކަށް ދައްކަންޖެހޭ 410 މިލިއަން ޑޮލަރެވެ.
ދިވެހި ރުފިޔާއިން ބަލާ ނަމަ 12 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން މި އަހަރު ދައްކަންޖެހެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment