Advertisement

ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ތަރައްގީ ކުރަން 2025 ގައި ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ: ޝަރީފު

ބީއެމްއެލްގެ ސީއީއޯ ޝަރީފު


ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ތަރައްގީ ކުރަން 2025 ގައި ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ: ޝަރީފު

ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތަރައްގީ ކުރަން އަންނަ އަހަރު ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހިންގާ ބިޔަ މަޝްރޫއު ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ މޮބައިލް އެޕް، އިންޓަނެޓު ބޭންކިން، ޕޭމެންޓު ގޭޓުވޭ ފަދަ ހިދުމަތްތައް ފައިނޭންޝަލް ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޒަމާނީ ކުރާނެ ކަމަށެވެ.

"[އޭގެ ތެރޭގައި] އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރުން ހިމެނޭ،"ޝަރީފު ވިދާޅުވި އެވެ.

"އޭއައި އާއި ރޮބޮޓިކް ޕްރޮސެސް އޮޓޮމޭޝަން ބޭނުން ކޮށްގެން މަސައްކަތް ހަލުވިކުރުމާއިއެކު ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ހިމެނޭ."

އެފަދަ ބަދަލުތައް ގެންނައިރު އެންމެ އުފާވާ ކަމަކީ އެ ކުރިއެރުންތައް ބީއެމްއެލް އިސްލާމިކް އަށް ވެސް އައުން ކަމަށް ޝަރީފް ވިދާޅުވި އެވެ. ބީއެމްއެލްއިން ދޭ ހުރިހާ ހިދުމަތެއް މިހާރު ވެސް ބީއެމްއެލް އިސްލާމިކްއިން ލިބޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން

މި މަޝްރޫއު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކުރިއަށް ގެންދަން މަސައްކަތް ކުރި އެވެ. މިއީ ސަރުކާރުގެ މާލީ އެހީތެރިކަން ނެތި، ހަމައެކަނި ބޭންކުން އިންވެސްޓުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ނަމަ އެކަން ދެކޮޅެއް ނުޖެހެ އެވެ. އެހެންވެ، މިފަހަރު ވެސް މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުން އެކަމަށް އިންވެސްޓުކޮށްގެންނެވެ.

"2025 ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކެއް ކަމަށާއި ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއަކީ ބީއެމްއެލްގެ ހިދުމަތް ފުޅާކުރުމަށްވުރެ ބޮޑު މަޝްރޫއެއްކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.

"މި މަސައްކަތަކީ ރައްޔިތުންގެ އުންމީދުތަކަށް އެހީތެރިވުމަށާއި މާލީ ބައިވެރިވުން އިތުރުކުރުމަށާއި އަދި އެންމެންނަށް ފާގަތި ދިވެހިރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަޅުގަނޑުމެން އަމަލީ ގޮތުން ބައިވެރިވާ ކަމުގެ ފުރިހަމަަ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން އޭޓީއެމް ތައާރަފުކުރީ 2000 ވަނަ އަހަރު އެވެ. މިހާރު 90 ރަށެއްގައި 150 އޭޓީއެމް އެބަ ހުއްޓެވެ. މި އޭޓީއެމްތައް އަހަރަކު 15 މިލިއަން އަށްވުރެ ގިނަ ފަހަރު ބޭންކުގެ ކަސްޓަމަރުން ބޭނުން ކުރެ އެވެ.

ބީއެމްއެލްގެ އަމާޒަކީ އަންނަ އަހަރު ތެރޭ 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި ނިންމުމެވެ. އެ މަސައްކަތުގެ ފުރަތަމަ ފޭހުގައި އޭޓީއެމް ބަހައްޓާނީ 17 ރަށެއްގަ އެވެ. އަންނަ އަހަރު ނިމޭއިރު، އޭޓީއެމްތަކުގެ އަދަދު 250 އަށްވުރެ ގިނަވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.