Advertisement

ނެޝަނަލް އެޕްރެންޓިސްޝިޕުގެ ބައިވެރިންނަށް ފުރުސަތުތަކެއް ފޯރުކޮށްދޭން ހަޔާ އެޑިއުކޭޝަނާ އެކު ލިއޯ އެއްބަސްވުމަކަށް

ލިއޯ ޓްރޭޑިން އާއެކު އިއްޔެ ވީ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކ. ތިލަފުށީގައި ހިންގަމުން އަންނަ ވެއާ ހައުސްތަކާއި ޑޮކްޔާޑުގެ އިތުރުން ވޯކްޝޮޕުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެޝަނަލް އެޕްރެންޓިސްޝިޕުގެ ބައިވެރިންނަށް ލިބޭނެ -- ފޮޓޯ: ލިއޯ ޓްރޭޑިން


ނެޝަނަލް އެޕްރެންޓިސްޝިޕުގެ ބައިވެރިންނަށް ފުރުސަތުތަކެއް ފޯރުކޮށްދޭން ހަޔާ އެޑިއުކޭޝަނާ އެކު ލިއޯ އެއްބަސްވުމަކަށް

ޕޮލިޓެކްނިކުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދޭ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ލިއޯ ޓްރޭޑިންގެ ސައިޓުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ އެއްބަސްވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރީ އާއެކު އެ ކުންފުނިން ސޮއިކޮށްފި އެވެ.

ލިއޯ ޓްރޭޑިން އާއެކު އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކ. ތިލަފުށީގައި ހިންގަމުން އަންނަ ވެއާ ހައުސްތަކާއި ޑޮކްޔާޑުގެ އިތުރުން ވޯކްޝޮޕުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެޝަނަލް އެޕްރެންޓިސްޝިޕުގެ ބައިވެރިންނަށް ލިބޭނެ ކަމަށް ލިއޯ އިން ބުންޏެވެ.

އޭގެ އިތުރުން ތިލަފުށީގައި ލިއޯ ކުންފުނިން ތަރައްގީ ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރިއަލް ވޯކްޝޮޕުގައި މަސައްކަތް ކުރާނެ ދިވެހިން އުފެއްދުމަށް ޕޮލިޓެކްނިކާ ގުޅިގެން ސެޓްފިކެޓު ކޯސްތަކެއް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ވެސް އެ އެއްބަސްވުމުގައި ހިމެނިފައިވެ އެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން ލިއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު ވިދާޅުވީ ލިއޯއަކީ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށް ވާތީ އެ ކުންފުނީގައި މަސައްކަތް ކުރާ މީހުންނަކީ ވެސް ސައްތަ އިންސައްތަ ދިވެހީންނަށް ހަދަން މަސައްކަތް ކުރައްވާ ކަމަށެވެ.

"ހާއްސަ ގޮތެއްގައި ދިވެހި ޒުވާނުންނަށް ލިއޯގައި ހުރި ފުރުސަތުތައް އަންގަައި ދީގެން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއި ވިހައިވެސް ބޮޑަށް ގުޅިގެން ސަރުކާރުގެ ވެސް އަދި ލިއޯގެ ވެސް އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ،" ސަވާދު ވިދާޅުވި އެވެ.

ތިލަފުށީގައި ލިއޯ ކުންފުނިން ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ އިންޑަސްޓްރިއަލް ވޯކްޝޮޕަކީ ރާއްޖޭގެ އެންމެ ބޮޑު އެފދަ ވޯކްޝޮޕަށް ވާނެ އެވެ. ލިއޯ އިން މަސައްކަތް ކުރަމުން ދަނީ ސެޓްފިކެޓު ފެންވަރުގެ ތަމްރީނު ޕްރޮގުރާމުތަކާއި ލިއޯ ކުންފުނީގެ ޕާޓުނަރު، އިންޓަނޭޝަނަލް ބްރޭންޑުތަކުގެ ހާއްސަ ޓެކްނިކަލް ލައިސެންސްތައް ވެސް ދޫކުރެވޭ ގޮތަށް އެ ވޯކްޝޮޕާއެކު ޓްރެއިނިން އިންސްޓިޓިއުޓެއް ވެސް ގާއިމު ކުރުމަށެވެ.

ސަވާދު ވިދާޅުވީ އެ އިންސްޓިޓިއުޓު ގާއިމު ކުރެވުމުން އެތަނުގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ކޮންމެ ޒުވާނަކަށް ވެސް އޮންނާނެ ކަމަށެވެ.

2002 ވަނަ އަހަރު ވުޖޫދުވި ލިއޯ ޓްރޭޑިން އަކީ މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮޖިސްޓިކްސްގެ މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެވެ. އެ ކުންފުނީގް ސީއެސްއާރު ޕްރޮގުރާމުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުގައި ތަފާތު ގިނަ މަޝްރޫއުތައް ހިންގާފައިވެ އެވެ. އަދި އެ ކުންފުނިން ވަނީ އެތައް ދިވެހީންނަކަށް ސްކޮލާޝިޕްގެ ފުރުސަތުތައް ވެސް ފަހި ކޮށްދީފަ އެވެ.