Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

16 އޮކްޓޯބަރު 2024 - 12:17 0

ކޮންސްޓްރަކްޝަން ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ: މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގަވާއިދު ވަނީ ގެޒެޓުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


މިއަދުގެ ހަބަރުތައް ކުރުކޮށް

16 އޮކްޓޯބަރު 2024 - 12:17 0

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގަވާއިދު ހަދައިފި

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގަވާއިދު ލޭބާ ރިލޭޝަންސް އޮތޯރިޓީއިން އަންގާރަ ދުވަހު ގެޒެޓުކޮށްފި އެވެ.

އެއީ މި އަހަރު އަމަލު ކުރަން ފެށި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދެކެވެ.

އެ ގަވާއިދުގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގެ ސަލަމާތާއި ސިއްހީ ރައްކާތެރިކަން މަސައްކަތްތެރިންނަށް ކަށަވަރުކޮށްދިނުމެވެ. އެ ގަވާއިދުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ދިމާވާ ހާދިސާތަކުގެ ބަދަލު ހޯދުމުގެ އިޖުރާއަތްތައް ވެސް ބަޔާންކޮށްފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ނުވަ ގޯތި ދޫކޮށްފި

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން ހަވާލު ނުކުރެވި އޮތް ނުވަ ގޯއްޗެއް އިއްޔެ ހަވާލުކޮށްފި އެވެ.

އިއްޔެ ދޫކުރީ ހުޅުމާލޭ ފޭސް ދެއަކުން ދޫކޮށްފައިވާ ނުވަ ގޯއްޗެކެވެ. އެއާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް 689 ގޯތި ދޫކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ގޯތި ދޫކުރީ ހުޅުމާލޭ ފޭސް ދެއަކާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. ޖުމުލަ 9003 ގޯތި ދޫކުރަން ސަރުކާރުން ނިންމި އެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

ސްޕާއެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން އައި ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރު ކުރީ ހަ އަންހެނަކާއި ފިރިހެނެކެވެ. އެމީހުން ހައްޔަރު ކުރީ ހަށިވިއްކާކަމުގެ ތުހުމަތަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީ އަންހެނުންނާއި ތިން ދިވެހި އަންހެނުން އަދި ދިވެހި ފިރިހެނެެކެވެ. ހައްޔަރު ކުރި ތިން ބިދޭސީ އަންހެނުންނަކީ ތައިލެންޑު ތިން މީހުންނެވެ.

އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން، ބިދޭސީ އަންހެނުން 10 ދުވަހަށް، ދިވެހި އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.