Advertisement

ވެރިކަމުގައި ހުރެގެން އެމްއެމްޕީއާރުސީ ލިސްޓު ނެރެން މަޖުބޫރު ނުކުރެވުނީތީ ހިތާމަކުރަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފުލުހުންނަށް މަޖުބޫކޮށްގެން އެމްއެމްޕީއާރްސީގެ ލިސްޓު ނުނެރުވުމުން ހިތާމަކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


ވެރިކަމުގައި ހުރެގެން އެމްއެމްޕީއާރުސީ ލިސްޓު ނެރެން މަޖުބޫރު ނުކުރެވުނީތީ ހިތާމަކުރަން: ޔާމީން

ވެރިކަމުގައި ހުރި ދުވަސްވަރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ލިސްޓު އާންމު ނުކުރެވުމުން ހިތާމަކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ޔާމީން ވިދާޅުވީ ވެރިކަމުގައި ހުރި ދުވަސްވަރު ފުލުހުންނާއި ސިފައިން ކުރާ ކަންކަމުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ފުލުހުންނަށް މަޖުބޫރުކޮށްގެން ވިޔަސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓު އާންމު ނުކުރެވުމުން ވަރަށް "ރިގްރެޓު" ކުރާ ކަމަށެވެ.

"އަޅުގަނޑު ރިގްރެޓް ކުރާ އެއް ކަމަކީ ފުލުހުންނަށް ހަމަ މަޖޫބުރު ކޮށްގެން އެމްއެމްޕީއާރްސީން ވައްކަން ކުރި މީހުންގެ ލިސްޓު ނުނެރެވުނުކަން. އެކަމަކު އަޅުގަނޑަކީ ފުލުހުންގެ ޑޭޓުޑޭ ކަންކަމަށް ފާޑު ކިޔާ މީހެއް ނޫން، އޭގެ ތެރެއަށް އަޅުގަނޑު ނުވަންނަން. ސިފައިން ކުރާ މަސައްކަތުގެ ތެރެއަށް ވެސް އަޅުގަނޑު ނުވަންނަން،" ޔާމީން ވިދާޅި އެވެ.

ކުރީގެ ނައިބުރައީސް އަހުމަދު އަދީބް އަތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ފައިސާ ނަގައި، އެ ފައިސާ ބޭނުންކުރި މީހުން އެނގެން ބޭނުންވާކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ ރައްޔިތުންނަށް ވެސް އެކަން އެނގެން ޖެހޭ ކަމަށެވެ.

ރައްޔިތުންނަށް ގެނެސްދެވުނު ތަރައްގީއަށް ބަލާއިރު ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި އެއްވެސް ކަމަކާ ހިތާމަ ނުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓު މިހާތަނަށް ވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެކި ލިސްޓު ދަނީ ދައުރުވަމުންނެވެ. މިހާތަނަށް ފެންނަން އޮތީ މި މައްސަލަ ދިރާސާކުރި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓެއް އެކަންޏެވެ.