about 2 hours 0
ލީވާން އަލީ ނާސިރު
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރާއްޖެ ޓީވީ
about 2 hours 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެންނެވުމަށް ތާއިދު ކުރެއްވުނީތީ މިހާރު އިންތިހާއަށް ހިތާމަކުރައްވާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން މިއަދު ގެނެސްދިން "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ޕީޕީއެމްގެ މުޑުވަކެއް ކަމަށާއި ނަމަވެސް ކަން އެކުރައްވަމުން ގެންދަވަނީ ގައިރު ޒިންމާދާރު ގޮތެއްގައި ކަމަށެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އަދި ޕީޕީއެމް/ޕީއެންސީ ހިންގި އިންޑިއާ އައުޓު ކެމްޕެއިނުގައި ވިއްކި ވާހަކައާ އެއްގޮތަށް، އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެފައި އޮތް އޮތުން މި ވެރިކަމުގައި ނިމުމަކަށް ނުގެނައުމާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދެވުމަށް މަސައްކަތް ނުކުރެއްވުމެވެ.
އިންޑިއާ ސިފައިން ރާއްޖޭން ބޭރުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައީސް މުއިއްޒު ވިދާޅުވާ ކިތައް ވާހަކަތޯ ސީދާ ވަނީ،" ޔާމީން ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި މިހާރު ވެސް ގާއިމުވެފައި އެބަ އޮތް ކަމަށާއި ޔުނިފޯމުގައި ތިބި ބަޔަކު ރާއްޖޭގައި ނެތުމަކީ އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެފައި ނެތުން ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރު ގެންދަން ތަކުރާރުކޮށް އިންޑިއާ އަށް އެންގެވި ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ވިސާ ހަމަވުމުން، އެ މީހުން ތިބީ ވެސް ގާނޫނާ ހިލާފަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ވާހަކަތަކަށް ފަހު "އިންޑިއާއަކީ ބާރުގަދަ ގައުމެއް" ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިއަދު އިއުލާނު ކުރެއްވުމަށް ފަހު ޔާމީން ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ މައިގަނޑު ދެ ސަބަބަކީ އިންޑިއާއާ ވާހަކަ ދައްކައިގެން އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމާއި ގެއްލުނުގެ ކަނޑުގެ ސަރަހައްދު ހޯދުމަށް އަދި އިގުތިސޯދު ރަނގަޅު ކުރުން ކަމަށެވެ.
ރައީސް މުއިއްޒުގެ އަމަލުތަކުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ރައީސް މުއިއްޒު ކަންކުރައްވާ ގޮތުން އެ މަނިކުފާނުގެ ތާއިދު ގެއްލިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
Comment