about 2 hours 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ދޮންމާންމާފުޅު ޑީޕޯޓު ކުރުމާ ގުޅޭ ގޮތުން ރައީސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ، ޖީ ސްކީލާންއާ ގުޅޭ ގޮތުން މިއަދު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ޑީޕޯޓްކޮށްލި ގޮތާ ބެހޭ ގޮތުން އެމަނިކުފާނު އެއްޗެއް ވިދާޅެއްނުވި އެވެ.
ސަރުކާރުގެ 20 އަހަރުގެ މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒުގެ ދޮންމަންމާފުޅާ ގުޅޭ ސުވާލެއް ކުރެއްވުމުން އެމަނިކުފާނު ދެއްކެވީ ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހި ގޮތުގެ ވާހަކަ އެވެ.
ނަމަވެސް، ދޮންމަންމާފުޅާ ގުޅުވައި އެމަނިކުފާނަށް އަމާޒުވެފައިވާ ހުރިހާ ތުހުމަތުތަކެއް ރައީސް މުއިއްޒު ވަނީ ދޮގު ކުރައްވައިފަ އެވެ.
"އަޅުގަނޑު ކެމްޕެއިން ތެރޭގައި ވެސް ތިޔަށް ޖަވާބުދިނިން. އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބައްޕާފުޅު އަވަހަރާވުމުން ތަރިކަ ބެހީ ކޯޓަށް ގޮސްގެން ކަމަށާއި ސްރީ ލަންކާގައި ހުރި ބައްޕާފުޅުގެ ތިން ގޯއްޗާއި އެތަނުގައި ހަދާފައި ހުރި އިމާރާތްތަކުގެ އިތުރުން ވިޔަފާރި ވެސް ދޮންމަންމާފުޅަށް ދެއްވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ލަންކާގައި ހުރި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ފައިސާ ވެސް ދޮންމަންމާފުޅަށް ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައްޕަގެ ގޯތިތައް ބިންތައް ހުރި ރާއްޖެއިން ބޭރުގައި، ލަންކާގައި. ކޮލޮމްބޯގައި ދެ ބިން. ކޭންޑީގައި އެއް ބިން. ތިން ބިން، ގޯތި އިމާރާތް ހަދާފައި. އެތަނުން ދެ ތަނުގައި ގެސްޓްހައުސް ހަދާފައި ވިޔަފާރި ކުރާ ގޮތަށް ހަމަ އާމްދަނީ ހޯދާ ގޮތަށް. އެއްތަނަކީ ދިރިއުޅެން ހަދާފައި ހުރި ތަނެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ ތިން އިމާރާތް، ތިން ބިން އޮތް. އަޅުގަނޑު ނިންމީ އެ ތިން ގޯތި އިމާރާތާ އެކު ވިޔަފާރިއާ އެކު ދޮންމަންމައަށް ދޭން ހިލޭ އެއްވެސް ބަދަލަކާ ނުލައި. އެހެންވީމަ އެ ތިން ގޯއްޗާއި ތިން އިމާރާތާ އެއްކޮށް ދޮން މަންމައަށް ދީފައި އެހެރީ ހިލޭ، އަދި ބައްޕަގެ ލަންކާ އެކައުންޓުގައި ހުރި ހުރިހާ ފައިސާއަކާ އެއްކޮށް ވެސް."
އޭގެއިތުރުން ހުވަފަތް އަނބީގެ ގޮތުން ދޮންމަންމާފުޅަށް ލިބޭ ބައިކުޅަ ބައި އެމަނިކުފާނަށް ދިނުމަށް ނިންމި ކަމަށާއި ކޯޓުން ތަރިކަ ބަހައި ނިންމީ ވެސް އެގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ އެއާ އެއްކޮށް ދީފައި ދެން އެހެންވީމަ ދޮން މަންމަ ވިދާޅުވީ މާލޭގައި ހުވަފެން އަނބެއްވީމަ ދީނީ ގޮތުން އޮންނަ ބައިކުޅަ ބައި އެބައި އަޅުގަނޑަށް އެއްކޮށް ދޫކޮށްލާނަމޭ. އެހެންވީމަ އެއީ ނިންމި ނިންމުމަކީ. ދެން އެގޮތަށް ނިންމައިގެން ތަރިކަ ބަހައި ނިންމާފައި އެ އޮތީ. އެހެންވީމަ އެއީ ކަމުގެ ހަގީގަތަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ތަފްސީލީ ގޮތެއްގައި ދޮންމަންމާފުޅުގެ ވާހަކަ ނުދައްކައި ހުންނެވީ ޒާތީ ކަމަކަށްވާތީ ކަމަށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަން ޖެހުނީ އެކަންތައް ބޮޑުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ތުހުމަތު ކުރައްވާފައި ވަނީ އެމަނިކުފާނުގެ އަގު ވައްޓާލުމަށް ދޮންމަންމާފުޅާ ގުޅުވައި އެކި ވާހަކަތައް ދައްކަމުންދަނީ ސިޔާސީ ވިސްނުމެއްގައި ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ މީހުންގެ ވާހަކަ އެހާ ބޮޑަށް ދައްކަވާ ހިތްވާ ބޭފުޅެއް ނޫން ކަމަށެވެ.
ރައީސްގެ ބައްޕާފުޅު ހުސައިން އަބްދުއްރަހްމާން އަވަހާރަވީ 2015 އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން މައްކާގައި ހުންނަވަނިކޮށެވެ. އެ ދަތުރުގައި ސްކީލާންގެ އިތުރުން އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، މުއިއްޒު ވެސް ވަޑައިގެންނެވި އެވެ.
ރައީސްގެ ދޮންމަންމާފުޅުގެ ވާހަކަތައް އަހަރެއް ފަހުން އަނެއްކާ ވެސް ފަލަ ސުރުހީތަކަށް އަރާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުމުންނެވެ.
މީޑިއާ ކައުންސިލުން އެ އެވޯޑު ދިނުމާ ގުޅިގެން ސަރުކާރުގެ އެކި ފަރާތްތަކުން މީޑިއާ ކައުންސިލަށް ޕްރެޝަރު ކުރި އެވެ. އަދި އެ އެވޯޑު އަތުލުމަށް ވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އޭގެ އިތުރުން އެވޯޑުގެ މައްސަލަ އޭސީސީން ވެސް ވަނީ ބަލަން ފަށައިފަ އެވެ.
Comment