4 ނޮވެންބަރު 2024 - 13:41 2
މުހައްމަދު ޝަހްޒާން
އެންޓީ ކޮރަޕްޝަން ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް ރައީސުލްޖުމްހޫރިއްޔާ އާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
4 ނޮވެންބަރު 2024 - 13:41 2
މިދިޔަ ހަފުތާގެ ބުދަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްސީއަށް މިއަދު ވަދެއްޖެ އެވެ.
އޭސީސީގެ މީޑިއާ އޮފިސަރު، ހަސަން މަނިކު "އަދަދު" އަށް ވިދާޅުވީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އަދި ބަލަމުން ދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ހާމަ ނުކުރެވޭނެ ކަމަށެވެ.
"ސްޕެސިފިކް ވަކި އެވޯޑެކޭ އަޅުގަނޑުމެންނަށް މިވަގުތު ދަންނަވަން ވަރަށް ދަތި އެކަމަކު އެ ހުށަހަޅާފައި އޮތް މައްސަލައަށް ބަލާއިރު ބޮޑަށް މި އޮންނަނީ އެވޯޑެއް ޕްރޮސެސްކޮށް، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އޭސީސީގެ ޓީމެއް މިއަދު މީޑިއާ ކައުންސިލަށް ދިޔަ ކަމަށެވެ. ތަހުގީގާ ގުޅޭ ގޮތުން ސުވާލު ކުރުމުން މަނިކު ވިދާޅުވީ ތަހުގީގު ކުރިއަށް ގެންދާނީ އާންމުކޮށް ވެސް ކުރިއަށް ގެންދާ އުސޫލުގެ ދަށުން ކަމަށެވެ.
"ދެން އަޅުގަނޑުމެން އިންވެސްޓިގޭޝަން މަރުހަލާގައި ދެން ދާނީ ޑޮކިއުމެންޓްސް ކަލެކްޝަން އާއި މައުލޫމާތު ސާފު ކުރުން އެއަށްފަހުގައި ދެން ހުރި މަރުހަލާތައް ކުރިއަށް ދާނީ،" މަނިކު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލުގެ އެވޯޑާ ގުޅިގެން އޭސީސީން މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާކުރި ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓެގަރީން އެވޯޑު ދިނުމުން ޕީއެންސީއަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.
އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންގެ އިތުރުން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ފަރާތްތަކުން ކުރި ތުހުމަތާ ގުޅިގެން މީޑިއާ ކައުންސިލުން ވަނީ އެ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް އެވޯޑު އަތުލުމާ މެދު ގޮތެއް ނިންމުމަށް ފާސްކޮށް މަސައްކަތް ފަށައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment