3 ނޮވެންބަރު 2024 - 19:42 1
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
3 ނޮވެންބަރު 2024 - 19:42 1
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މުރާޖާކޮށް ކައުންސިލުތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމު ކުރާ އަދަދު ހިމަނައި އަލުން ބަޖެޓު ހުށަހެޅުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އިއްޔެ އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ.
"އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މުރާޖާކޮށް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކުރާ ހަގީގީ އަދަދު ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީން ބުނެފައިވެ އެވެ.
ދައުލަތުގެ ބަޖެޓުގެ ޖުމުލަ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައި އޮންނަނީ ލާމަރުކަޒީ ގާނޫނުގެ 9 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރުގަ އެވެ.
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 34.9 (34 ބިލިއަން) ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.7 (1.7 ބިލިއަން) ރުފިޔާ އެވެ. އެކަމަކު ކައުންސިލްތަކަށް ދިނުމަށް ޖަހާފައި ވަނީ އެއަށް ވުރެ މަދުން އެންމެ 1.4 (1.4 ބިލިއަން) ރުފިޔާ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ވަރަށް މުހިންމު ގާނޫނެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. އަދި އެ ގާނޫނަކީ 2008 ވަނަ އަހަރު ތަސްދީގުކުރި އާ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމަށް ކަނޑައަޅައި ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ހާއްސަ ކޮށްފައިވުމަކީ ވެރިކަން ހިންގުމުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އޭގެ ފަހުން ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ލާމަރުކަޒީ ގާނޫނު ފުރިހަމަ ކުރުމަށް ގިނަ އިސްލާހުތަކެއް ގެނައިކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެ އިސްލާހުތަކަށްފަހު ފާއިތުވި ހަތަރު އަހަރު ވެސް އެމްޑީޕީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުތަކުގައި ބްލޮކް ގުރާންޓުގެ ގޮތުގައި ގާނޫނުން ލާޒިމު ކުރާ އަދަދު ހިމަނާފައިވާކަން ފޮތްތަކުން ފެންނަން އެބަހުރި ކަަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
"ކަން މިހެން އޮތްއިރު 2023 ވަނަ އަހަރު އުފެދުނު ޕީއެންސީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބަޖެޓްގައި ދައުލަތުގެ އާމްދަނީ އެހެން އަހަރުތަކަށް ވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް ހާއްސަކޮށް ހުށަހަޅާފައި ވަނީ 1.4 ބިލިއަން ރުފިޔާކަން އެނގެން އެބައޮތެވެ." އެ ޕާޓިން ބުންޏެވެ.
"އެއީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގައި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނާ އަދަދު އޮޅުވާލައިގެން ގަސްތުގައި ކައުންސިލްތައް މާލީ ގޮތުން ބަލިކަށިކޮށްލުމަށް ހިންގާފައިވާ އަމަލެއް ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ."
ގާނޫނުގައި ލާޒިމު ކުރާ އަދަދަށް ވުރެ މަދުން ކައުންސިލުތަކަށް ފައިސާ ދޭން ބަޖެޓުގައި ހިމަނާފައިވާއިރު، ރާއްޖޭގައި މިހާރު އޮތް ލާމަރުކަޒީ ނިޒާމު އުވާލައި އަލުން ކަތީބު ނިޒާމު ގެންނަން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މިހާރު މަޖިލީހަށް ހުށަހަޅައި ފާސްކުރަމުންދާ ބައެއް އިސްލާހުތަކާއި ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގުމަށް ހުރަސް އެޅެމުންދާކަމުގެ ކަންބޮޑުވުން ބައެއް ކައުންސިލުތަކުން ފާޅު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އެހެންކަމުން މި އަހަރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަދަލުތަކާ އެކު ވީ އެންމެ އަވަހަކަށް ރައްޔިތުން މަޖިލީހަށް އަލުން ހުށަހެޅުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ މުހިންމު ސިޔާސަތު ދެމެހެއްޓުމަށް މި ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ވެސް، ބަޖެޓު ހުށަހަޅާފައި ވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ގާނޫނުގައި އޮތް އަދަދަށް ކައުންސިލުތަކަށް ބަޖެޓު އެކަށައަޅައިދޭން ގޮވާލާފައިވެ އެވެ.
Comment