އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު، ކައިރި ކައިރީ މެޗު ކުޅެން ޖެހުމުން ޓީމުގައި ވަރުބަލިކަން ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ އިން ނުކުންނާނީ ކިރްގިސްތާންގެ އަބްދީޝްއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނައިރު, މާޒިޔާ އަށް މުބާރާތުގެ ކުރިއަށް ދިޔުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެއީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ދެ މެޗުން ބަލިވެފައިވުމުންނެވެ.
އަބްދީޝް މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޑްރަގަން ބުނީ, ކައިރިކައިރީ މެޗު ކުޅެން ޖެހުމުގެ ސަބަބުން ވަރުބަލިކަން މާޒިޔާގެ ބޮޑު ކަމަށެވެ.
ޑްރަގަން ބުނީ މި މުބާރާތުގައި ދެން ވާދަކުރާ ކްލަބުތަކުން މުބާރާތައް އައީ ވަރުގަދަ މެޗުތަކެއް ކުޅެ މެޗު ފިޓްނަސް ހޯދައިގެން ކަމަށެވެ. އެކަމަކު, ދިވެހި ޕްރިމިއާ ލީގު މަޑު ޖެހިފައި އޮތުމުގެ ގެއްލުން މާޒިޔާ އަށް ބޮޑު ކަމަށާއި, މާޒިޔާ އިން މުބާރާތައް ނުކުތީ ކޮމްޕެޓިޓިވް މެޗެއް ނެތި ކަމަށެވެ.
"ޓީމުގައި ތިބި ބައެއް މުހިންމު ކުޅުންތެރިންގެ ވަރުބަލިކަން އެބަހުރި. އެއީ އެންމެން އަށް ވެސް އެނގޭނެހެން މެޗުތައް މި ކުޅެނީ ކައިރި ކައިރީގައި. އެކަމަކު އަހަރެމެން މެޗުން ތިން ޕޮއިންޓް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" ޑްރަގަން ބުންޏެވެ.
ޑްރަގަން ބުނީ, ވަރުގަދަ މެޗުތަކެއް ކުޅުމަށްފަހު, މާޒިޔާ އިން މުބާރާތައް އައި ނަމަ, ނަތީޖާ މިއަށްވުރެ ރަނގަޅު ވާނެ ކަމަށެވެ.
މިއަދުގެ މެޗަށް މާޒިޔާ އިން ނުކުންނައިރު, ހުރިހާ ގޮތަކުން ވެސް މެޗު މުހިންމީ އަބްދީޝް އަށެވެ. އެގޮތުން މި މެޗުން ތިން ޕޮއިންޓް ހޯދައިގެން އަބްދީޝް އަށް ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ މަގު އެބައޮތެވެ. އެކަމަކު މި މެޗަށް މާޒިޔާ އިން ނުކުންނާނީ ކުޅުންތެރިންގެ ސަތޭކަ އިންސައްތަ ދީ ތިން ޕޮއިންޓް ހޯދަން ކަމަށް ކޯޗު ޑްރަގަން ވަނީ ބުނެފަ އެވެ.
މި މުބާރާތައް މާޒިޔާ އިން ނުކުތްއިރު, ފަހު ވަގުތު އެ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އައިޝަމް އަށް އަނިޔާގެ ސަބަބުން ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ.
މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:30 ގަ އެވެ.
Comment