30 އޮކްޓޯބަރު 2024 - 12:33 1
މުހައްމަދު ޝަހްޒާން
ޔޫތު މިނިސްޓަރު، އިބްރާހިމް ވަހީދު (އަސްވާޑު) -- ފޮޓޯ: ރައީސް އޮފީސް
30 އޮކްޓޯބަރު 2024 - 12:33 1
ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެއްސަކަށް ލިބި، އެ މުބާރާތުގައި ބައިވެރިވާން މަސައްކަތް ކުރަމުން ދާތީ އެކަން ހުއްޓައިލުމަށް ގޮވާލައި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.
މެކްސިކޯގައި އަންނަ މަހު 17، ގައި ބާއްވާ 73 ވަނަ މިސް ޔުނިވާސްގައި ރާއްޖޭގެ ފަރާތުން ވާދަ ކުރަނީ މަރިޔަމް ޝައިނާ ނަސީމް، 21، އެވެ.
އެކަން ކުށްވެރިކޮށް ޔޫތު މިނިސްޓަރީން ދެންމެ ނެރުނު ބަޔާނުގައި ބުނީ ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އެފަދަ މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރަތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫނެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާ ޝައިނާ ވަނީ ރާއްޖޭގައި 2022 ވަނަ އަހަރު އޮތް ޓޮޕް މޮޑެލް މޯލްޑިވްސް ގެ އެއްވަނަ ހޯދައިފަ އެވެ. އަދި ހަމަ އެ އަހަރު އޮތް މިސްރުގައި ބޭއްވި 29 ވަނަ ވޯލްޑް ޓޮޕް މޮޑެލްގެ ގަދަ 15 ގެ ތެރޭގައި ހިމެނި ފޭސް އެވޯޑު ޝައިނާ ހާސިލު ކުރި އެވެ.
މޮޑެލް ކުރުމުގެ އެކި ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބާއްވަމުންދާއިރު، ރާއްޖެއިން ބޭރުގައި ބާއްވާ މޮޑެލް ކުރާ މުބާރާތްތަކުގައި ރާއްޖޭގެ މޮޑެލުން މީގެ ކުރިން ވެސް ބައިވެރިވެފައިވެ އެވެ.
ޔޫތު މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރީތީގެ މުބާރާތްތަކާއި މޮޑެލް ކުރާ މުބާރާތްތަކުގައި ބައިވެރިވުމަކީ ދިވެހިން ގަބޫލު ކުރާ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.
"އެފަދަ ކަންކަމަކީ ދިވެހިން ގަބޫލު ކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަންކަމަށް ވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން ދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވައިލަމެވެ." ޔޫތު މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ މިސް ޔުނިވާސް ފަދަ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ސަރުކާރުން ދިވެއްސަކު ބައިވެރި ނުކުރުވާނެ ކަމަށާއި، ޝައިނާ އެ މުބާރާތުގައި ބައިވެރިވުމަކީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެެވެ. އަދި އެ އެފަދަ މުބާރާތްތަކުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހައި ރައްޔިތުންނަށް އެ މިނިސްޓަރީން ގޮވާލައިފައި ވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment