30 އޮކްޓޯބަރު 2024 - 11:32 0
އަހުމަދު އާއިދު
'އިންޑިއާ އައުޓު' ގެ ނަމުގައި ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ.-- ފޮޓޯ: އަދަދު
30 އޮކްޓޯބަރު 2024 - 11:32 0
އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެތިބޭކަމަށް ބުނެ އެކަމާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި ފެށްޓެވި "އިންޑިއާ އައުޓް" ކެމްޕެއިން ނުހިންގޭ ގޮތަށް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބާތިލުކުރި ހުކުމުގައި ބުނީ، އެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް ވަކީލަކު ހަމަޖައްސަވާފައިވާ ކަމަށާއި، ކޯޓަށް ހާޒިރުވުމަށް އެ ވަކީލަށް އަމުރު ފޮނުވުމުން، އަމުރާ ހަވާލުވުމަށް ފަހު ކޯޓަށް ހާޒިރުވެފައި ނުވާކަމަށެވެ. އަދި ކޯޓަށް ހާޒިރުވެފައި ނުވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަން އެނގޭނޭ އެއްވެސް ލިޔުމެއްވެސް ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ހުކުމުގައި ބުނެފައި އޮވެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ދައުވާގައި ބުނެފައި އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީގެ 6 ވަނަ މާއްދާއާއި، 27 ވަނަ މާއްދާއާއި، 32 ވަނަ މާއްދާއާ ހިލާފަށް ނެރުއްވާފައިވާ ގަރާރެއްކަމަށެވެ. އެ މާއްދާތަކުން ކަށަވަރުކޮށްދެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމެވެ. ރައީސުލްޖުމްހޫރިއްޔާގެ އެ ގަރާރަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބޭ ބާރުގެ އިމުގެ ބޭރުން ނެރުއްވާފައިވާ ގަރާރެއްކަމަށްވެސް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.
ސިވިލްކޯޓަށް އެ މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 20، 2022 ގަ އެވެ. އެ މައްސަލަ ބާތިލުކުރީ އޮކްޓޯބަރު 29، 2024 ތާރީހަށް ތާވަލުކުރި އަޑުއެހުމަށް ދައުވާކުރާފަރާތުގެ ވަކީލު ހާޒިރު ނުވުމުންނެވެ. އެ ޝަރީއަތަށް ހާޒިރުވުމުގެ އަމުރު ވަކީލަށް ރައްދުކުރެވުނީ އެ ތާރީހުގެ ދެ ދުވަސް ކުރިން އޮކްޓޯބަރު 27، 2024 ތާރީހުގައި ކަމަށް ހުކުމުގައި ވެ އެވެ.
ސިވިލް ކޯޓަށް މީހުން ހާޒިރުކުމުގައި އަމަލުކުރާނޭ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ، ދައުވާކުރާ މީހާއަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުމަށްފަހު އެކަށީގެންވާ ސަބަބެއްނެތި، އަމުރުގައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ ދައުވާކޮށްފައިވާ މައްސަލަ ބާތިލުކުރުމަކީ ސިވިލްކޯޓަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment