about 3 hours 1
އަހުމަދު އާއިދު
ފިޝަރީޒް މިނިސްޓަރު ޝިޔާމު: މަސްވެރިންނަށް ނުދެވި ހުރި 16 މިލިއަން ރުފިޔާ މާދަމާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 3 hours 1
މިދިޔަ މަހުގެ 26 އިން ފެށިގެން މަސްވެރިން ކިރާފައިވާ މަހަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ނުދީ ހުރި 16 މިލިއަން ރުފިޔާ މާދަމާ ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މިއަދު ސުވާލުކުރުމަށް ހާޒިރުކުރުމުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މިހާރު ނުދެވި އޮތް ފައިސާ މިއަދު ފިނޭންސް މިނިސްޓްރީން މިފްކޯއަށް ދޫކުރާނެ ކަމަށެވެ. މިހާރު ނުދެވި އޮތީ ޖުމްލަ 16.2 މިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާދަމާ މަސްވެރިންނާ ހިސާބަށް މާދަމާ ބެކްލޮގު އެއްކޮށް، ނުވަތަ މިހާރު މަސްވެރިންނަށް ނުދެވި އޮތް ފައިސާ އެއް ވެއްޖިއްޔާ. މަސްވެރިން މަސްކިރާފަ ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ. މާދަމާއާ ހިސާބަށް ލިބިގެންދާނެ،" ޝިޔާމު ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު، މިފްކޯއިން މީގެ ކުރިން ބުނެފައިވަނީ މި ފައިސާ ދެވޭނެ ގޮތެއް އަދި ހަމަޖެހިފައި ނެތް ކަމަށެވެ.
މި މުއްދަތުގެ ކުރިން، އޯގަސްޓް 24، އިން ފެށިގެން ސެޕްޓެމްބަރު 25، ގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހެނީ 17.35 މިލިއަން ރުފިޔާ ނުދީގެންވެސް މަސްވެރިން އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރި އެވެ. މިފްކޯއިން އެ ފައިސާ ދޫކުރަން ފެށީ ފިޝަރީޒް މިނިސްޓްރީގެ ޓީމުތައް ރަށްރަށަށް ނާރުވާ ބޭރުކުރަން ވެސް ފެށިފަހުންނެވެ.
އަދި، ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ ވެސް މި މުޒާހަރާތަކާ ގުޅިގެން ކަމަށް މި ނޫހަށް އޭރު މައުލޫމާތު ލިބުނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment