އޭއެފްސީ ޗެލެންޖް ލީގުގެ ދެ ވަނަ މެޗުގައި އަލް އަރަބި އަތުން ބަލިވީ، މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ބައިކޮޅަށް ވަން ދެ ގޯލުގެ ސަބަބުން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ސާބިއާގެ ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.
މާޒިޔާ އިން މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އަތުން ވަނީ 2-1 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.
ރޭ ކުޅުނު މެޗުން ކުވައިތު ލީގުގެ ދެ ވަނަ އަލް އަރަބި އަތުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. މި ދެ ނަތީޖާއާ އެކު މުބާރާތުގައި ކުރިއަށް ދިޔުމަށް މާޒިޔާ އަށް އޮތީ އަމިއްލަ ބާރު ގެއްލިފަ އެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑްރަގަން ބުނީ, މި މެޗުގެ އެހާކުރީކޮޅު ދެ ގޯލު ވަނުމުން މެޗުގެ ތެރެއަށް ވަނުމަށް މާޒިޔާގެ ކުޅުންތެރިންނަށް އުނދަގޫވި ކަމަށެވެ. އެކަމަކު ފުރަތަމަ ހާފު ލިބުނު, ދެ ތިން ފުރުސަތުގެ ބޭނުން ހިފުނުނަމަ މެޗުގެ ތެރެއަށްވަދެ ނަތީޖާ ބަދަލުކޮށްލެވުނީސް ކަމަށް ޑްރަގަން ބުންޏެވެ.
"މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ދެ ގޯލު ވަނުމުން މެޗުގެ ތެރެއަށް ވަނުމަށް މާޒިޔާ ކުޅުންތެރިންނަށް އުނދަގޫވި. ކުރިންވެސް ބުނިހެން, އަރަބި އަކީ އިންޑިވިޖުއަލް ހުނަރަށް ބަލާއިރު, މި ގްރޫޕްގަ އޮތް އެންމެ ވަރުގަދަ ޓީމު" ޑްރަގަން ބުންޏެވެ.
ޑްރަގަން ބުނީ 10 ދުވަަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުން ވެސް އެއީ މާޒިޔާ އަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެ ގޮތުން، ކުޅުންތެރިންނަށް އެންމެ އެދެވޭ ގޮތައް ރިކަވަރީ ހަދަން ނުލިބޭ ކަމަށް ޑްރަގަން ވަނީ ބުނެފަ އެވެ.
ތުރުކުމެނިސްތާންގެ ޗެމްޕިއަން، އަރްކަޑަގް މި ވަގުތު އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އަބްދީޝް އާއި ތިން ވަނައިގައި އޮތް އަލް އަރަބި އަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. މާޒިޔާ ހަތަރެއްގައި އޮތީ އަދި ޕޮއިންޓެއް ނުލިބި އެވެ.
ގްރޫޕްގައި މާޒިޔާ އިން ކުޅޭ ފަހު މެޗުގައި، އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ އަބްދީޝްއާ އެވެ.
Comment