29 އޮކްޓޯބަރު 2024 - 19:25 0
ލީވާން އަލީ ނާސިރު
ބީއެމްއެލްއިން ބޮޑުފުޅަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުން -- ފޮޓޯ: ބީއެމްއެލް
29 އޮކްޓޯބަރު 2024 - 19:25 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ފެރިދޫ އާއި އއ. ބޮޑުފުޅަދޫގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ބީއެމްއެލްއިން ބުނީ އެ ދެ ރަށުގައި ހުޅުވުނު އޭޓީއެމް ސެންޓަރާ އެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށާއި އޭޓީއެމްތަކުން 24 ގަޑިއިރު ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށެވެ.
މިގޮތުން އެ އޭޓީއެމްތަކުން ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ފެރިދޫ އާއި ބޮޑުފުޅަދޫގައި ބީއެމްއެލްގެ އޭޓީއެމްތައް ހުޅުވުމާއެކު އއ. އަތޮޅުގެ ޖުމްލަ ހަ ރަށެއްގައި އޭޓީއެމް ސެންޓަރުތައް މިހާރު ވަނީ ގާއިމު ކޮށްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އއ. އަތޮޅުގައި އޭޓީއެމް ވިއުގަ ފުޅާކޮށް، ފެރިދޫ އަދި ބޮޑުފޮޅުދޫގެ ރައްޔިތުންނަށް އަސާސީ ބޭންކިން ހިދުމަތްތައް އިތުރަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސް ކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެން ޑިޖިޓަލް ބޭންކިން ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްތަކާ އެކު މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކަށް އެހީތެރިވުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް،" ބީއެމްއެލްއިން ބުންޏެވެ.
ފުޅާވެގެން ދިޔަ އޭޓީއެމް ވިއުގައިގެ އިތުރުން، 2006 ގައި ރަސްދޫގައި ހުޅުވުނު ބްރާންޗް މެދުވެރިކޮށް ބީއެމްއެލްއިން އަންނަނީ އަތޮޅުގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްއިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ހިދުމަތް 20 އަތޮޅުގައި 39 ބްރާންޗް، 91 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 147 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
Comment