29 އޮކްޓޯބަރު 2024 - 09:29 1
ލީވާން އަލީ ނާސިރު
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
29 އޮކްޓޯބަރު 2024 - 09:29 1
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިއްޔެ ޒުވާބެއް ކޮށްފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ ފަލާހު އާއި އަސްމާ ޒުވާބު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ބައެއް ވާހަކަތައް މެންބަރު އަސްމާއަށް ރައްދުވާ ގޮތަށް ދެއްކި ކަމަށާއި އެކަމާ ގުޅިގެން އަސްމާ ހިތްހަމަޖެހިވަޑައިނުގެން ރައްދު ދެއްވީ ކަމަށް މެންބަރަކު ވިދާޅުވި އެވެ.
"ފަލާހު ފާހަގަ ކުރެއްވި މެންބަރުންނަށް ފިޔަވަޅު އަޅުއްވާ ވާހަކަ. އޭގެ ބައެއް ވާހަކަތައް އަސްމައްތަ އަށް އަމާޒުވީ. އެކަމާ އަސްމައްތަ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކެވީ،" އެ ވާހަކަތަކުގެ ތަފުސީލަށް ވަޑައިނުގެން މެންބަރަކު ވިދާޅުވި އެވެ.
ފަލާހު ފާހަގަ ކުރެއްވީ ބައެއް މެންބަރުން މަޖިލީހުގެ އިދާރާގެ ތެރޭގައި އުޅުއްވާއިރު ވެސް، މުހިންމު ބައެއް ވޯޓުތަކުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލަ ކަމަށް އެހެން މެންބަރަކު ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ ކަމަށާއި އެހެންވެ، ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅިދާނެ ކަމަށް ފަލާހު ވިދާޅުވި ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
"އެގޮތަށް ފަލާހު ވާހަކަ ދެއްކެވީމަ އަސްމާ ހިތްހަމަ ނުޖެހުނީ. އަސްމާ ބުނީ ފަލާހު އަށް ވުރެ އޭނާ މާ ސީނިއާ ކަމަށް. އަދި ފިޔަވަޅު އެޅިޔަސް މައްސަލައެއް ނެތް ކަމަށް ދޭހަވާ ގޮތަށް އަސްމާ ވާހަކަ ދެއްކެވީ،" މެންބަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އަސްމާ އާއި ފަލާހުގެ ބަހެއް ހޯދަން އަދަދު ނޫހުން ތަކުރާރުކޮށް ގުޅިއިރު އެ ދެ ބޭފުޅުން ވެސް ފޯނެއް ނުނަންގަވަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކާ ގުޅިގެން، މިދިޔަ ސެޕްޓެމްބަރު މަހު ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕު ހޫނުވެގެން ދިޔަ އެވެ.
އެފަހަރު އަސްމާ ވިދާޅުވީ ސަރުކާރުގައި ހިނގާ ކޮރަޕްޝަންގެ ސަބަބުން އާހިރުގައި ހުރިހާ ގެއްލުމެއް ލިބޭނީ ރައީސް މުއިއްޒުއަށް ކަމަށެވެ.
Comment