އޭއެފްސީ ޗެލެންޖް ލީގުގައި އަލް އަރާބިއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ޑްރަގަން: ފޮޓޯ: އަތޫފް އާތިފް / އަދަދު
އޭއެފްސީ ޗެލެންޖް ލީގުގެ ދެ ވަނަ މެޗުގައި ކުވައިތުގެ އަލް އަރަބި ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނައިރު، އެ ޓީމުގެ ބަލިފައިތައް އެނގޭ ކަމަށް މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ ތުރުކުމެނިސްތާންގެ ޗެމްޕިއަން އަކްރަޑަގް އަތުން 2-1 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. އެކަމަކު، އެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ދެއްކި ކުޅުމާމެދު ކޯޗު ހުރީ ހިތްހަމަ ޖެހިފަ އެވެ.
ކުވައިތުގެ އަލް އަރަބި ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޑްރަގަން ބުނީ, މި މެޗަށް ނުކުންނައިރު, އަރާބިއާ ކްލަބްގެ މެޗުތައް ފެނިފައިވާ ކަމަށާއި, އަދި އެ ކްލަބްގެ މެޗުތައް ރަނގަޅަށް އެނަލައިޒްކުރި ކަމަށެވެ. އެހެންވެ, އެ ޓީމުގެ ބަލިފައިތައް އެނގޭ ކަމަށާއި, މާޒިޔާ އިން މި މެޗުގައި މަސައްކަތް ކުރާނީ އޭގެ ބޭނުން ހިފުމަށް ކަމަށެވެ.
"އަލް އަރަބި ކްލަބަކީ އިންޑިވިޖުއަލް ކޮލިޓީ ރަނގަޅު ޓީމެއް. އެ ޓީމުގެ އެންމެ ފަހުގެ މެޗުގެ އެނަލައިޒް ހެދިއްޖެ. އެ ޓީމުގެ ބަލިފައި އަދި ވަރުގަދައީ ކޮންކަމެއްކަން އެނގިއްޖެ. ފުރަތަމަ މެޗުގައި ކުޅުނު ގޮތައް ކުޅެ, އޭގެ ބޭނުން ހިފިއްޖެނަމަ އަހަރެން ގަބޫލުކުރަނީ މި މެޗުން މޮޅުވެވޭނެ ކަމަށް" ޑްރަގަން ބުންޏެވެ.
ޑްރަގަން ވަނީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ފާހަގަކުރިކަންތައް މި ފަހަރު ވެސް ތަކުރާރުކޮށްފަ އެވެ. އެ ގޮތުން ޑްރަގަން ބުނީ އެންމެ މުހިންމު ކަމަކީ މެޗަށް ނުކުންނައިރު, ޖެހިލުން ނުވެ، އެއީ ބަލިކުރެވޭނެ ޓީމެއްކަން ދެކުން ކަމަށެވެ.
މާޒިޔާގެ ޑިފެންޑަރު މާރިއޯ ޒެބިޗް ބުނީ, މާޒިޔާ އިން މުބާރާތައް އައީ ރަނގަޅަށް ތައްޔާރުވެގެން, މެޗުތަކުން މޮޅުވާން ކަމަށެވެ. އަދި ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ހުރި މެޗުތައް ނަގާ މުބާރާތުގައި ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޒަބިޗް ބުންޏެވެ.
ޗެލެންޖް ލީގުގައި އަލް އަރަބި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ކިރްގިސްތާންގެ ލީގު ޗެމްޕިއަން އަބްދީޝް އާޓާ ވަނީ، 1-0 އިން ބަލިވެފަ އެވެ.
ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.
މާޒިޔާ އިން އަލް އަރަބި ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން ރޭގަނޑު 11:30 ގަ އެވެ.
Comment