28 އޮކްޓޯބަރު 2024 - 16:16 0
28 އޮކްޓޯބަރު 2024 - 16:16 0
މިއުނިކް (އޮކްޓޫބަރު 28) - ބަޔާން މިއުނިކުން ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ނުކުތް ކަމުގައި ވިޔަސް ޕްރޮފެޝަނަލް ކަމާ އެކީ ސީރިއަސްވެގެން ކުޅެންޖެހޭ ކަމަށާއި އެއީ އެ ކްލަބްގެ މެންޓަލިޓީއާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށް ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ބާސެލޯނާ އަތުން ބަލިވި ބަޔާން ލީގުގައި ކުޅުނު މެޗުން ވަނީ ލީގުގެ ފުލުގައި އޮތް ބޮކުމް އަތުން 5-0 އިން މޮޅުވެފަ އެވެ.
މެޗަށް ފަހު ކޮމްޕެނީ ބުނީ، ފާއިތުވި ތިން އަހަރު ތެރޭ ދެ ފަހަރު ބަޔާނުން މި ދަނޑުގައި ބޮކުމް އަތުން ބަލިވެފައި އޮތުމާއި އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގެ ނަތީޖާ ގޯސްވެފައި އޮތުމުން މި މެޗަށް ނުކުތީ ވަރަށް ތައްޔާރުވެގެން ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ޕްރޮފެޝަނަލްކަމާ އެކު މި ސީރިއަސް ކަމަކީ ބަޔާންގެ މެންޓަލިޓީ، ޒަމާނުއްސުރެ މި ކްލަބް ކާމިޔާބު ހޯދަމުން އައީ މި ފިޔަވަޅު މަތީގައި. އެހެންވީމަ އަހަރެން ދެކޭގޮތުގައި މި އެޓިޓިއުޑުން މި ޓީމު ކުރިއަށްދާނެ. ކާމިޔާބު ވެސް ހޯދާނެ،" ކޮމްޕެނީ ބުންޏެވެ.
ބޮކުމް ކޮޅަށް ބަޔާންގެ ލަނޑުތައް ޖެހީ މައިކަލް އޮލީސޭ، ޖަމާލް މުސިއާލާ، ހެރީ ކޭން، ލެރޯއި ސާނޭ އަދި ކިންގްސްލީ ކޯމަން އެވެ.
މި މޮޅާ އެކު، ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވެސް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ލައިޕްޒިގުން ވަނީ މި ހަފްތާގައި 3-1 އިން ފްރައިބާގް ބަލިކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން ވަނީ ވާޑާ ބްރެމަންއާ 2-2 އިން އެއްވަރުވެފަ އެެވެ. ތިން ވަނައިގައި އޮތް ލެވަކޫސަން އަށް ވަނީ އަށް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.
އޮއުސްބާގް އަތުން 2-1 އިން ބަލިވެ، ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެެވެ. އެ ޓީމަށް އަށް މެޗުން ލިބުނީ 13 ޕޮއިންޓެވެ.
Comment