28 އޮކްޓޯބަރު 2024 - 13:31 0
ލީވާން އަލީ ނާސިރު
އެމްޑީޕީން މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލު ކުރަން މިނިސްޓްރީއަށް ދިޔުން: އެމްޑީޕީން މިނިސްޓްރީއަށް ދިޔައީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
28 އޮކްޓޯބަރު 2024 - 13:31 0
ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން މި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލު ކުރަން އެ މިނިސްޓްރީއަށް މިއަދު ދިޔުމުން އެ ޕާޓީއާ ބައްދަކުރަން މިނިސްޓަރު އިއުތިރާޒުކޮށްފި އެވެ.
އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ އިތުރުން އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ހިމެނޭ ޓީމެއް ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ދިޔައީ ހެނދުނު 10:30 ގަ އެވެ. ނަމަވެސް 12:00 ޖެހިއިރު ވެސް މިނިސްޓަރާ ބައްދަލު ނުުވުމުން އެ ތަނަށް ދިޔަ މީހުން ވަނީ އެތަނުން ގޮސްފަ އެވެ.
އެމްޑީޕީން އާދަމް ޝަރީފްއާ ސިޓީއެއް ހަވާލު ކުރަން މަސައްކަތް ކުރި ނަމަވެސް، މިނިސްޓަރާ ބައްދަލު ނުކުރެވުމުން އެ ސިޓީ ވެސް ހަވާލުނުކުރެވެ އެވެ.
މިނިސްޓްރީން ނިކުތުމަށް ފަހު އެ ތަނުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޠާޒް ވިދާޅުވީ އާބަން ޑިވެލޮޕްމަންޓް ގާނޫނާ ގުޅިގެން ކައުންސިލްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެ ގާނޫނު ފާސް ކުރުމުގެ ކުރިން އެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކުރަން ބޭނުންވި ކަމަށެވެ.
"ކައުންސިލަރުން އެންމެ ބޮޑަށް ކަންބޮޑުވެގެން މި އުޅެނީ މި ކަމުގައި. އެކަމުގެ އެހީތެރިކަން ވެސް ފަހަރެއްގައި ވަޒީރު ބޭނުންވެދާނެ ކަމަށް ހީކޮށް އަޅުގަނޑުމެން ވަޒީރާ ބައްދަލު ކުރަން މި އުޅުނީ. ވަޒީރު ބޭނުންފުޅުވާ ވަގުތެއްގައި، ބޭނުންފުޅުވާ ދުވަހެއްގައި އެކަން ކުރާ ގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީ. މިހާރު ދެން ވަޒީރާ ބައްދަލު ކުރުމުގެ މާ ބޮޑު ޝައުގުވެރި ކަމެއް ނެތް އަޅުގަނޑުމެންގެ،" ނިޔާޒް ވިދާޅުވި އެވެ.
މި ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލައި އެ ގާނޫނާ ފުށުއަރާނަމަ، އެންމެ އިސް ގާނޫނަކަށް އެހެން ގާނޫނުތައް ހެދުން ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. ސަރުކާރުން މިކަން ބޭނުންވިޔަސް ކަތީބު ނިޒާމަކާ ދިމާލަށް ދާ ދިޔުން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ނިޔާޒް އިތުރަށް ވިދާޅުވީ މަޖިލިސް ތެރެއިން އަދި މިނިސްޓްރީ ތެރެއިން ވެސް ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުމުން ދެން އެމްޑީޕީން އަމަލު ކުރާނެ ގޮތްތައް ހާމަ ކުރާނެ ކަމަށާއި ކައުންސިލްތަކުގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހަނިކުރާ ކުރުމާ ދެކޮޅަށް ރައްޔިތުން ބަސް ބުނަން ފަށަން ޖެހޭ ކަމަށާއި އެއާއެކު ރައްޔިތުން ބޭނުންވާ ގޮތްތައް ފަހިވެގެންދާނެ ކަމަށެވެ.
Comment