Advertisement

ގުރައިދޫގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގުރައިދޫގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުން -- ފޮޓޯ: އިމިގްރޭޝަން


ގުރައިދޫގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކ. ގުރައިދޫގައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި, ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަދި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ 20 އޮފިސަރުންނާއި ނުވަ ފުލުހުން ބައިވެރިވި ކަމަށާއި ޖުމްލަ 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

އޮޕަރޭޝަންގައި އަތުލައިގަތް ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުންގެ އިތުރުން ނައިޖީރިއާ މީހެއް ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"މި އޮޕަރޭޝަންގެ މަގްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތައް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން،" އިމިގްރޭޝަނުން ބުންޏެވެ.

އެ އޮޕަރޭޝަންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހިންގަމުންދާ އޮޕަރޭޝަން އަތޮޅު ތެރެއަށް ފުޅާ ކުރަން ފެށުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް 106 ޗެކު ކުރިއިރު އޭގެ ތެރެއިން ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވާން ލިޔުންދީފައިވާ ކަމަށެވެ. އަދި ބިދޭސީންނަށް ވަޒީފާ ދިން ފަސް ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވި ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެ ބިދޭސީން ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓް ކުރަމުންނެވެ. މިހާތަނަށް ގަވާއިދާ ހިލާފުވި 4،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.