25 އޮކްޓޯބަރު 2024 - 04:51 0
ރޫޙުލްއަމީން ޢަބްދުﷲ
25 އޮކްޓޯބަރު 2024 - 04:51 0
ތުންތުން މަތިން ކިޔާ އުޅޭ ވާހަކައެއްގައިވެ އެވެ. އެއްޒަމާނެއްގައި އުޅުނު ރަސްކަލަކު އަޖައިބުވާހާ މޮޅު އަދި ހުޝިޔާރު ހަރުދަނާ މިލިޓަރީ ކޮމާންޑަރެއް އޭނާގެ ވެރިކަމާއި ގައުމުގެ ހިމާޔަތަށް ލިބިފައިވި އެވެ. އޭނާގެ ކޮމާންޑަރުކަމުގައި އެ ގައުމާ ކުރިމަތިވި އެތައް އުދުވާނަކުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރުމުގައި މި ކޮމާންޑަރުގެ ދައުރު ބޮޑެވެ. އޭނާގެ މޭ ގައުމަށްޓަކައި އައްޑަނަ އަކަށް ދިއްކޮށްލީ މަދު ފަހަރަކު ނޫނެވެ. އަދި އެއިން ކޮންމެ ފަހަރަކީ އެހެންނާ ދިރިހުރުން އެހެންނާ ފުރާނަ ގެއްލި މަރުވެދިއުމުގެ ހަމަހަމަ ފުރުސަތު އޮތް ފަހަރުތަކެވެ. ފުރުސަތު ބޮޑީ އަދުއްވުންގެ ހަމަލާއިން މަރުވުމުގެ ފުރުސަތު ކަމަށް ވެސް ވެގެންދިޔަ އެތައް ފަހަރުތަކެއްގަ އެވެ.
މީނާގެ ގައުމީ ހިދުމަތް ފާހަގަ ކުރުމަކީ ގައުމީ ގޮތުންނާއި އިންސާނީ ގޮތުން ނުހަނު މުހިންމު އަދި ކޮންމެހެން ވެރިއެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭނެ ވާޖިބެއްކަމުގައި ރަސްގެފާނު ދެކެވަޑައިގެން މީނާ ހާޒިރުކޮށް ސުވާލުކުރެއްވި އެވެ. ބޭނުންވާ ކޮންމެ ކަމެއް ބުނާށެވެ. އޭނާ ބުންޏެވެ. ތިމަންނާއަކީ އެވެނި މިވެނި ބައްޔެއް ޖެހިފައިވާ މީހެކެވެ. މިބައްޔަކީ މަރު ބައްޔެކެވެ. މީގައި ތިމަންނާ ދުނިޔެ ދޫކޮށްފައި ދާން ޖެހޭނީ އަދުތޯ މާދަންތޯ އިސާހިތަކު އެނގިދާނެ އެވެ. އިރުކޮޅަކުން އަހަރެން މަރުވެގެން ވެއްޓުން އޮތީ ވަރަށް ކައިރީގަ އެވެ. އެހެންވީމާ ދުނިޔެއިން އަހަރެން ބޭނުންވާ ހަމަ އެކައްޗެއް ވެސް ނެތެވެ.
މި ހަބަރު އައްސަވާފައި ރަސްގެފާނު ހިއްޕުޅަށް އެރި އެވެ. މިހާވަރުގެ ކޮމާންޑަރަކުގެ މިހާ ބޮޑު ބައްޔެއް ހުރެފައި، އެކަމަކު ތިމަންރަސްގެފާނުގެ އެހެރަ މޮޅެތި ހަކީމުން ތިއްބައި، ފަރުވާ ނުކޮށް ދޫކޮށްލުމަށްވުރެ މޮޔަކަމެއް ގައުމާއި ތިމަންރަސްގެފާނުގެ ނަފުސުގެ ހައްގުގައިވެސް ނުކުރެވޭނެ އެވެ. އެހެނީ މިއޮއްހާ ޒަމާންތަކުގައި ސަލާމަތުން ތިބެވުމުގައި މީނާ އަދާކުރި ދައުރު ނުހަނު ބޮޑުވިއްޔާ އެވެ. މިހެން ހިއްތަވާފައި ހަކީމުންނަށް އަމުރުބަސްފުޅު އިއްވެވި އެވެ. އެމީހުންނަށް ވެވުނު ގޮތަކުން އެބަލީގެ ތަބީއަތް ދެނެގަނެ އޭނާއަށް ފަރުވާދިނުމަށެވެ. ކޮންމެއަކަސް ހަކީމުންގެ މަސައްކަތާއެކު ކަންހިނގި މަގަކީ ކޮމާންޑަރުގެ ބަލި ފަސޭހަވުމެވެ. އަދި ބަލީގެ ސަބަބުން އޭނާއަށް ކުރަމުންދިޔަ އުނދަގޫތަކަށް އެކީއެކަށް ނިމުން އައުމެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ކުރިމަތިވި އުދުވާނުގައި، ގައުމު ވީ ބައްޔެވެ. ރަސްގެފާނަށް އެކަން ބޮޑުވެގެން ތަހުގީގެއް ހިންގެވިއިރު، އެއްކަލަ ކޮމާންޑަރު އެހެންޏާ އަދާކުރައްވާ ދައުރާ ގާތަށްވެސް އޭނާގެ ހިދުމަތް ލަޝްކަރަށް ލިބިފައިނުވާކަން ފާހަގަވެއްޖެ އެވެ. ހާއްސަކޮށް ހަނގުރާމައިގެ ކުރީ ސަފުގައި އެއްގޮތަކަށް ވެސް އޭނާ ހަރަކާތްތެރިވެފައި ނެތީ އެވެ. އޭނާ ހާޒިރުކޮށް މިކަމާ ރަސްގެފާނު ސުވާލުކުރެއްވުމުން ވިދާޅުވި އެވެ. ތިމަންނާއަކީ އަދި މުސްތަގުބަލު އޮތް އިންސާނަކީމެވެ. މި ދުނިޔޭން އަދި ހާސިލުކުރަން ބޭނުންވާ ލައްކަ ކަންކަން އެބަހުއްޓެވެ. ފުރާނަ އަތްމައްޗަށް ލާ ހިސާބުގައި ނޫނީ ގައުމަށް މިފަހަރުވެސް ހާދަހާ ހިދުމަތެއް ކޮށްދިނީމެވެ. ނަސީބު އެހެން ގޮތަކަށް ދިމާވީ އެވެ.
ފެންނަ ފެނުމާއި މީހާ މަޝްހޫރުވާ ގޮތާއި އެކަމުގައި އެމީހަކު ގެންގުޅޭ ނިޔަތާ މިއީ ތަފާތު އެއްޗެކެވެ. ނިޔަތަކީ ހިތުގައި ފޮރުވިފައި އޮންނަ އެއްޗަކަށްވާހިނދު، އެޔަކީ އަނެކުންނަށް އެނގެން އޮންނަ އެއްޗަކަށް ނުވެއެވެ. ގައުމެއްގެ ނިސްބަތުގައި ގައުމަކަށް، އުންމަތެއްގެ ނިސްބަތުގައި އުންމަތަކަށް ލިބޭ އެންމެ ބޮޑު ދެރައަކީ މިއީއެވެ. އެގައުމެއްގެ ބޮޑުން ނުހަނު ރަނގަޅު ކަންކަން ކުރަމުން އަންނައިރު ނިޔަތް ސީދާ ނުވުމުގެ މައްސަލައެވެ. ނުވަތަ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ފަސާދަ ނިޔަތެއް އޮތުމުން ފަހަށް އަންނާން އޮތް ތަނުގައި ލިބެން އޮންނަ ނުރައްކަލުގެ މައްސަލައެވެ. އެކަމުގެ ސަބަބުން ބަލަންތިބޭ މީހުންނަށް ބޮޑުންގެ އަމަލުތައް ފެންނަނީ ރަނގަޅު އަމަލުތަކެއްގެ ގޮތުގަ އެވެ. ދުވަސްތަކެއް ހިނގާ ނިމޭ ފަހުން އަމަލުތައް ދައްކައިދިން މަންޒަރު ބަލާއިރު، ކުރިން ކުރި "ހެޔޮ އަމަލު" ގެ ނިޔަތް ސާފުވެ އެކޮޅުމިކޮޅު އޮޅުން ފިލާއިރު، ރައްޔިތުން ތިބެނީ މަގުމަތިވެފަ އެވެ.
ނިޔަތް ސީދާ ނުވުމުގެ މައްސަލައެވެ. މި މައްސަލަ ނުހިނގާނެ ގޮތް މެދުވެރިކުރުމަށް އިސްލާމްދީން ދައްކާ މަގަކީ، ނިޔަތް ސީދާކުރުމަށް ހިތްވަރުދިނުމުގެ މަންހަޖެވެ. އެ މަންހަޖު ނިޔާކުރާ ގޮތުން އިސްލާމްދީން ކަނޑައެޅީ އެކަމަކީ އަޅުކަމެއް ނޫންކަމަށް ވިޔަސް އެކަމެއް ކުރީ ތެދުވެރި ނިޔަތެއްގައި ނަމަ ސަވާބު ލިބޭ ކަމެއް ކަމުގައި ވުމާއި، އެކަމަކީ އަޅުކަމެއް ނަމަވެސް އެކަން ކުރީ ތެދުވެރި ނިޔަތެއްގައި ކަމަށް ނުވާނަމަ، އެކަމަކީ ސަވާބެއް ނުލިބޭ އަދި ކުރި ގޮތެއްގެ ސަބަބުން އަޒާބު ވެސް ލިބުން ހައްގު ކަމެއް ކަމުގައި ހަމަޖެއްސެވުމެވެ.
މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއްގައި މިކަން ބަޔާންކުރައްވާ ކައު އިތުރު މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "ހަމަކަށަވަރުން އަމަލުތައް ވަނީ ނިޔަތް ގަތް ގޮތަކާއެކުގަ އެވެ. އަދި ކޮންމެ މީހަކަށް ވެސް ވަނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި މީހާގެ ހިޖުރަ ވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. އަދި އެހެން ދުނިޔަވީ ކަމަކަށްޓަކައި ނުވަތަ މީހަކާ ކާވެނިކުރުމަށްޓަކައި ހިޖުރަކުރި މީހާގެ ހިޖުރަވަނީ އޭނާ އެ ހިޖުރަކުރި ކަމަކަށެވެ." މާނަ ސާފެވެ. ކުރާ ކަމަކަށް ސަވާބު ލިބުން ﷲ ކަނޑައެޅުއްވީ އެމީހެއްގެ ނިޔަތުގެ މައްޗަށެވެ. އެމީހެއްގެ ނިޔަތް ސީދާ ނުވާނަމަ އެމީހަކު އަމަލުން ކުރަނީ ކިތަންމެ ހެޔޮ ކަމެއް ނަމަވެސް އެކަމަކަށް ސަވާބެއް ނެތެވެ. އަދި ކުރާކަމުގައި ލެއްވޭނެ ބަރަކާތެއް ވެސް ނުވެއެވެ.
މިސާލެއް ދަންނަވާނަމެވެ. ވޭޕްއަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެކެވެ. ސިއްހަތަށް ގެއްލުންހުރި އެއްޗެހި ބޭނުންކުރުން އިސްލާމްދީން ވަނީ ނަހީކުރައްވާފައެވެ. އަދި މާތް ﷲ ވަނީ ސިއްހަތަށް ފައިދާހުރި ތަކެތި ކާބޮއިއުޅުމަށް އަންގަވާފައެވެ. އެހެންނަމަވެސް، މީހަކު ވޭޕް ބޭނުންކުރުން ހުއްޓާލަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ހުއްޓާލުމަށް ޤާނޫނެއް ފާސްކުރީމާ ކަމަށް ވާނަމަ، ނުވަތަ ވޭޕްއަށް ކުރަންޖެހޭ ހަރަދު ބޮޑުވެގެންކަމަށްވާނަމަ، އެކަމުން ލިބޭނެ ސަވާބެއް ނެތެވެ. އަދި އޭރަށް ތިމާއަށް އެ އުޅެވެނީ އިސްލާމްދީނަކަށް ނޫނެވެ. އިސްލާމްދީން އަންގާ ފަދައިން އަދި ތިމާގެ ނިޔަތް ސާފެއް ނުވެއެވެ.
ހަމަ މީގެ އެހެން މިސާލެއް ސިޔާސީ ލީޑަރުންގެ އަމަލުފުޅުތަކުން ވެސް ދައްކާނަމެވެ. ރައްޔިތުން އެބައި މީހުން ތަމްސީލުކުރާނެ މަޖިލީހެއް ހަދައިގެން މިއުޅެނީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނިންމުންތައް ނިންމާށެވެ. އެކަމަކު ވޭޕްފަދަ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ފެންނަނީ، ރައީސުލްޖުމްހޫރިއްޔާ އެންގެވީމާ އެންގެވި އިރަކުން ކަމަށް ވާނަމަ އެޔޮތީ ނިޔަތް ސީދާ ނުވުމުގެ މައްސަލައެވެ. އަދި ވޭޕް މަނާކުރުމަށް ގާނޫނު ހަދާއިރު، އެޔާއެކީ އެޔަށްވުރެ ނުރައްކާތެރި ދުންފަތުގެ ރަސްގެފާނުކަމުގައިވާ ސިނގިރޭޓް މަނާކޮށްލަން ނުކެރޭނަމަ އެޔޮތީ އިންތިހާއަށް ނުރައްކާތެރި ހާލަތުގައި އޮތް ނިޔަތް ސީދާނުވުމުގެ މައްސަލައެވެ. އިސްލާމްދީންގައި އެއްޗެއް ހަރާންވެގެން ނުވަތަ ދުނިޔަވީ ގޮތުން ބެއްޔަސް ވަކި އެއްޗަކީ ގެއްލުންހުރި އެއްޗަކަށް ވެގެން މަނާކުރާއިރު، އޭގެ ތެރެއިން ވަކި އެއްޗެއް، ރައީސުލްޖުމްހޫރިއްޔާ އެންގެވި އެންގެވުމުގައި ނުހިމެނޭތީވެ، މަޖިލީހަށް އެބައި ނުފެންނަ ނަމަ އެއީ ނިޔަތް ސީދާ ނުވުމެވެ.
ދީނީ ދަރުސާއި ވައުޒު ދެއްވާ ވަރަށް ގިނަ ދަންނަބޭކަލުން އަލީގެފާނަށް ނިސްބަތްކުރައްވާ ވާހަކައެއްގައި ކިޔައެވެ. އެއްފަހަރަކު އަލީގެފާނާއި ހަނގުރާމަވެރި މުޝްރިކަކާ ދެމެދު ނުހަނު ވަރުގަދައަށް ހަމަލާ ބަދަލުކުރެވެމުން ގޮސް، އަލީގެފާނު އެމީހާ ބިންމައްޗަށް ވައްޓާލައި، އެމީހާ ގަތުލުކޮށްލުމަށް ކަނޑި މަޅާލެއްވި ވަގުތު އެމީހާ އަލީގެފާނުގެ މޫނުފުޅަށް ކުޅުޖެހި އެވެ. އެހިނދު އަލީގެފާނު އެމީހާ މަރާ ނުލައި ދޫކޮށްލެއްވި އެވެ. އެކަމާ އެމީހާ ވެސް ހައިރާންވިކަމުގައިވެ އެވެ.
އަދި އެތަނުގައި ތިބި އެހެން މީހުންވެސް އެކަމާ ހައިރާންވެގެން އަލީގެފާނާ ސުވާލުކުރުމުން އަލީގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ. ތިމަންނާ އޭނާއާ ހަނގުރާމަކުރީ ﷲ އަށްޓަކައެވެ. އޭނާ ދެކެ ރުޅި އައީ ވެސް ﷲ އަށްޓަކަ އެވެ. އޭނާ ގަތުލުކުރުމަށް ކަނޑިމަޅާލީ ވެސް އޭނާއަކީ ﷲ ގެ އަދާވާތްތެރިއަކަށްވީތީ އެވެ. އެކަމަކު ކުޅުޖެހި ހިސާބުން އޭނާއާމެދު ތިމަންކަލޭގެފާނުގެ ހިތްޕުޅުގައި ޒާތީ ނުރުހުންތެރިކަމެއް ވެސް ހިނގީ އެވެ.
އެހެންވެ އޭނާ ގަތުލުކޮށްފިނަމަ، އެއީ ﷲ އަށްޓަކައި ކުރެވުނު ކަމެއްތޯ ސުވާލު އުފެދި ނަފުސަށް އުނދަގޫވެދާނެތީ ބިރުފުޅުގަތީ އެވެ. އަހަރެމެންގެ އިސްލާމީ ކާބަފައިން އަހަރެމެންނަށް ދެއްކެވި ނިޔަތް ސީދާކުރުމުގެ ރިވެތި ނަމޫނާއަކީ މިއީއެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment