25 އޮކްޓޯބަރު 2024 - 06:23 10
މަހްފޫޒް ސައީދު
-- އާޓްވޯކް: އިސްމާއީލް އިމްދާދު
25 އޮކްޓޯބަރު 2024 - 06:23 10
ކަންކަމުގެ އާޖުފާޖު އެނގުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އަމުދުން ބައެއްގެ އަތުން އުޖޫރައެއް ނަގައިގެން މަސައްކަތެއް ކުރުމަށް ހަވާލުވާނަމަ އެ ކުރަން ހަވާލުވި މަސައްކަތެއްގެ އުޑިކިބަ ފިލާފައި ހުރުމަކީ ލާޒިމު ޝަރުތެކެވެ. އެއީ އެކަން އޮންނާންވާނޭ ގޮތްކަމަށް ފޮތްތަކުގައި ލިޔެފައި ހުރި ވާހަކަ އެވެ. އެގޮތަށް އެކަން ހިނގާނީ ބަޔަކު އެގޮތަށް އަމަލުކުރިއްޔާ ނޫންހެއްޔެވެ؟
ސައްބުބެއަކީ ކޮންރަށެއްގައި އުޅުނު ކާކުކަމެއް ނޭނގެ އެވެ. 'ސައްބު' އޭ ކިޔަނީ ބޮޑު ފިރިހެނުންގެ ތެރެއިން ތުނބުޅި މަތިމަސް ނުފަޅާ ފިރިހެނުންނެވެ. މި ވާހަކައިގައި އުޅޭ ސައްބުބޭއަށް އެނަން ކިޔުނީ ތުނބުޅި މަތިމަސް ނުފަޅާތީތޯ ނުވަތަ އެހެން ސަބަބެއް އޮވެގެންތޯ ސާފެއް ނޫނެވެ. ސައްބުބެއަކީ ވަޑިއެކެވެ. ނޫނެކެވެ. ވަޑިޔެކޯލަ އެވެ.
ސައްބުބޭ އެއްދުވަހަކު ވަޑާމުގެ މަސައްކަތެއް ކުރުމަށްޓަކައި ބޮޑު ކަނދުގަނޑެއް ހޯދައިފި އެވެ. އަތިރިމަތީގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ހަމަޖެހިލައިގެން އިނދެ އޭނާގެ މަސައްކަތަށް ފަށައިގަތެވެ. އަމާޒު ހިފާފައި އޮތީ ބޮޑު ތަގަރިއެއް ހެދުމަށެވެ. ސައްބުބޭ ފަރުވާތެރިކަމާއެކު އެކަނދުގަނޑުގެ ހަފަރާތުން ކޮށައި މަށައި ތަގަރިއެއް ހެދޭތޯ މަސައްކަތްކުރަމުން ގެންދިޔަ އެވެ. ސައްބުބެއަކީ ނަމުން ވަޑިއަކަސް އެ މަަސައްކަތަށް އަހުލުވެރި މީހެއް ނޫނެވެ. އެހެންވީމާ ވީ ކަން ވާނޭ ގޮތަށެވެ. ކޮށަމުން ކޮށަމުން ގޮސް ވަކި ހިސާބަކަށް ދިޔައިރު ތަގަރީގެ ކިއްސަރު ގެއްލިއްޖެ އެވެ. ސައްބުބެއަށްވެސް މިކަން ފާހަގަވެ މިކަމުގެ މައްޗަށް ނުހަނު ހިތާމަކޮށްފި އެވެ. އެކަމަކު މާނޭވާއެއް ދޫކޮށްލައި އަލުން އައު ހިތްވަރަކާއެކު ފަށައިގަތެވެ.
ދެނެއް ބޮޑު ތަގަރިއެއް ނުހެދޭނެ އެވެ. އެކަމަކު އަދިވެސް ހުނިގޮނޑިއެއް ހެދިދާނެ އެވެ. މިހެން ހިތައި އަނެއްކާވެސް ކަނދުގަނޑު ކޮށަން ފަށައިފި އެވެ. ކިތަންމެ ފަރުވާތެރިވިޔަސް ކުރަން ނޭނގޭކަމެއް ނުވާނެ ނޫންހެއްޔެވެ؟ އިސާހިތަކު ހުނިގޮނޑީގެ ކިއްސަރުވެސް ގެއްލިއްޖެ އެވެ. ސައްބުބެ ހިތަށް އެރި އެވެ. އަދި މި އޮތް ވަރުންވެސް ކުޑަ ތަގަރިއެއް ހަދާލެވިދާނެ އެވެ. ދެން ފެށީ އެ މަސައްކަތެވެ. މިފަހަރުވެސް ވީ ކުރިން ވީ ވަރެވެ. މަސައްކަތް ފެށިއިރު އޮތް ލަކުނޑިގަނޑު ލަކުނޑިކޮޅަކަށް ވެއްޖެ އެވެ. ކުޑަ ތަގަރިއެއް ހަދާލެވޭ ވަރަށް ވުރެވެސް ކުޑަވެއްޖެ އެވެ. ސައްބުބޭ ހިތަށް އެރި އެވެ. އަދިވެސް މި ލަކުނޑި ކޮޅުން ދޭފަތެއް ހަދާލެވިދާނެ އެވެ. އަތުގައި އޮތް ހޮޅިވަޑާންކަށި ދޫކޮށްލައި ކުޑަ ފިޔޮއްސެއް ނަގައި ލަކުނޑިކޮޅު މަށަން ފެށިގޮތަށް ހުއްޓާނުލެވި، ދޭފަތަކަށްވުރެ ތުނިކޮށް މެށިއްޖެ އެވެ. ދެފަރާތަކަށް ލަންބާލިތަނާ މެދުން ބިންދައިގެންވެސް ގޮއްސި އެވެ. އެންމެ ފަހުން މަސައްކަތް ނިންމާލީ ފޭރާން ވިޔާ ތިނޯސް ކަށްޓެއް ހަދާފަ އެވެ.
މަސައްކަތް ފަށައިގަތްއިރު ހައެއްކަ ބޮޑު ތަގަރި ހެދޭވަރުގެ ކަނދުގަނޑެއް އޮތެވެ. އެ މުދާގަނޑުން ސައްބުބެއަށް ހެދުނީ ހަމައެކަނި ތިނޯހެކެވެ.
މިއީ ދިވެހިބަހުގައި ކިޔައި އުޅޭ މިސާލުބަހެކެވެ. މި ބަސް ބޭނުންކޮށް އުޅެނީ، ބޭނުން ހިފަން ލިބޭ ބޮޑު އެއްޗަކުން އެ ބޭނުމެއް ހިފަން ނޭނގޭ މީހުން އެކަމާ އުޅެ، އެ އެއްޗެއް ބޭކާރުކޮށްލުމަށް ނިސްބަތްކޮށެވެ.
ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރަށް ލިބުނީ ބިޔަ ބޮޑު ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރުމުގެ މަސައްކަތަށް ފަށައިގަތްއިރު އޮތީ ވެރިކަމުގެ އިންތިގާލީ މަރުހަލާގަ އެވެ. އެހެންވެ އޭރުގެ ސަރުކާރުން ނިންމީ، ބަޖެޓު ހަދައި ފާސްކުރަންވާނީ ދެން އަންނާންއުޅޭ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށެވެ. ކަންކުރީވެސް އެހެންނެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. ބިޔަބޮޑު ބަޖެޓު ފާސްކުރިއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ކަމަކީ ރައީސް މުއިއްޒުގެ ފުށިދިއްގަރު ޕްރޮޖެކްޓަށް ކަނޑެޅި ފައިސާ އުނިކުރެެއްވީ އެވެ. އެހެންވިޔަސް، ކޮށައި މަށައި ކިއްސަރުކޮށްލައްވާން ބޮޑުބަޖެޓެއް ލިބިވަޑައިގަތުމުން ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރު ޕްރޮޖެކްޓް އަލުން ފެށްޓެވީ އެވެ. ބަޖެޓަކާއި ބަޖެޓެކެވެ.
ދިވެހި ދައުލަތުގެ ބަޖެޓުގެ ފުޅާކަމާއި ތަނަވަސްކަން ދެކިވަޑައިގެން، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅީންވެސް އިއުލާނުކުރެެއްވީ އިންގިލާބީ ބިޔަ ޕްރޮޖެކްޓުތަކެވެ. ފެށްޓެވީ އެ މަސައްކަތްތަކެވެ. ކަނޑުގެ އަޑިން ދަތުރުކުރެވޭ ޓަނަލްތައް އެޅުއްވުމާއި، ތައިލޭންޑާއި ދުބާއީ އިން އާސަންދައިގައި ބޭސްފަރުވާ ދެއްވާނޭ ވާހަކަ ފަދަ އެތައް ހަރަދެއް އިއުލާނުކުރެއްވި އެވެ.
ބޮޑުބަޖެޓު ލިބިވަޑައިގަތްފަހުން އަހަރެއް ވެއްޖެ އެވެ. މީލާދީ އައު އަހަރަކަށް ފެށެނީ އެވެ. ސަރުކާރުން ބޭނުންވިގޮތަށް ލިބުނު ބޮޑު ބަޖެޓު ހުސްވެ އިތުރު 5 ބިލިއަންރުފިޔާ ހަރަދުކުރުމުގެ ހުއްދައަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ. ބަޖެޓު ހުސްވިއިރު، ރަސްފަރުމާލެ ޕްރޮޖެކްޓު އޮތީ ހުއްޓިފަ އެވެ. ހިންގަވާން ވިދާޅުވި އެއްވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުއެއްވެސް ނުހިނގި އެވެ. ހިނގަމުންދިޔަ މަޝްރޫއުތައްވެސް ހުއްޓިއްޖެ އެވެ. ތައިލޭންޑާއި ދުބާއީ އިން އާސަންދައެއް ނުލިބެ އެވެ. ކުޑަމިނުން ކުރިން ލިބެމުންދިޔަ ގައުމުތަކުންވެސް ލިބުން ހުއްޓިއްޖެ އެވެ. ބަޖެޓާއި ހަވާލުވި ބަޔަކު މޮޅު ގޮތެއް ހަދާލަންކަމަށް ކޮށަމުން މަށަމުން ދަނިކޮށް އެކީއެކަށް ބަޖެޓުގެ ކިއްސަރު ގެއްލިއްޖެ އެވެ. ކޮށައިމަށައި ކުދިކޮށްލި ބަޖެޓުންވީ ކޮޅުދާލިކޮޅެއްވެސް ލޮލުފެންނާކަށް ނެތެވެ. މިހާތަނަށް މިފެންނަ މަންޒަރަށް ބަލާއިރު، އަހަރު ނިމުނުއިރު ވެފައި މިއޮތީ ސައްބުބޭގެ ހުނިގޮނޑިއަށް ވީ ވަރެވެ.
Comment