Advertisement

މި އަހަރާއި އަންނަ އަހަރު ގައުމީ ދުވަސް ފާހަގަކުރާނީ އުތީމުގައި، ރައީސް ވިދާޅުވީ އެއީ މަޝްރޫއުއެއް ކަމަށް

28 ޖަނަވަރީ 2025 - 18:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހއ. ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ވާހަކަދައްކަވަނީ : އެމަނިކުފާނު ވަނީ ގައުމީ ދުވަސް ފާހަގަކުރުމަކީ މަޝްރޫއެއްގެ ގޮތުގައި ސިފަކުރައްވާފަ --- ފޮޓޯ:


މި އަހަރާއި އަންނަ އަހަރު ގައުމީ ދުވަސް ފާހަގަކުރާނީ އުތީމުގައި، ރައީސް ވިދާޅުވީ އެއީ މަޝްރޫއުއެއް ކަމަށް

28 ޖަނަވަރީ 2025 - 18:33 0

މި އަހަރާއި އަންނަ އަހަރު ގައުމީ ދުވަސް ފާހަގަކުރާނީ ހއ. އުތީމުގައި ކަމަށް ވިދާޅުވެ އެ ކަމަކީ މަޝްރޫއެއްގެ ގޮތުގައި ރައީސް ޑ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުގެ ތެރެއިން އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އުތީމުގައި ގައުމީ ދުވަސް ފާހަގަކުރަނީ ފަސް އަހަރުން އެއް އަހަރު ކަމަށެވެ.

އަދި، އެކަން ކުރަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި އެ ސަރުކާރުތަކާ އެމަނިކުފާނުގެ ހިޔާލު ތަފާތު ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ މުހިންމު މަޝްރޫއެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދަން. މި މަރުކަޒާއި، މި ދެންނެވީ ގަނޑުވަރާއި އަދި މި ރަށުގަ ހުރި މުހިންމު ތަންތަނާއި ތާރީހީ ގޮތުން ހިމާޔަތްކޮށް ބަލަހައްޓަން ޖެހޭނެ ތަންތަނާ،"

"އަދި ގައުމީ ވިސްނުމެއްގަ އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިދާނެ އެކި ކަހަލަ ޕްރޮގްރާމުތަކާއި މިކަހަލަ ކަންކަން ހިންގައިގެން ގައުމީ މަޝްރޫއެއްގެ ގޮތުގަ މި ރަށުގަ ކަންތައްތަކެއް ކުރަން،" ރައީސް ވިދާޅުވި އެވެ.

މިކަން ކުރުމަށްޓަކައި ކުރިން ނުދޭ ސަމާލުކަމެއްދީ ބަޖެޓާއި ވަސީލަތްތައް ފޯރުކޮށްދީ މި އަހަރާއި ކުރިއަށް އޮތް އަހަރު ގައުމީ ފެންވަރުގައި އުތީމުގައި ގައުމީ ދުވަސް ފާހަގަކުރަން ގަސްތުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ ދެ އަހަރުގެ މަޝްރޫއެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަން. އޭގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެންނަށް ފިކުރީ ގޮތެއްގައި މި ގައުމީ ވިސްނުން އަޅުގަނޑުމެންގެ ގައުމުގަ ފެތުރުމުގަ މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރެވޭނެ މަގުފަހިކުރުން،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ ހިޖުރައިން 965 ގައި ރާއްޖޭގެ ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށް 15 އަހަރުވަންދެން ދިވެހީންގެ މައްޗަށް ވެރިވެގަތް ޕޯޗުގީޒުންގެ ކިބައިން ގައުމު ސަލާމަތްކޮށްދިން ދުވަހާ ދިމާކޮށެވެ.

ޕޯޗުގީޒުންގެ މައްޗަށް ނަސްރު ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އުތީމު ބޮޑުތަކުރުފާނެވެ. ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑުތަކުރުފާނުގެ ޖިހާދާއި ނަސްރު ފާހަގަކުރުމެވެ. ރަސްމީ ގޮތެއްގައި މި ދުވަސް ފާހަގަކުރަން ފެށީ މީލާދީ ތާރީހުން 1946 ގަ އެވެ.