24 އޮކްޓޯބަރު 2024 - 12:00 0
މުހައްމަދު ޝަހްޒާން
މަޖިލީހުގެ ތަޅުމުގައި މީގެ ކުރިން ވޯޓެއް ނެގި ވަގުތު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
24 އޮކްޓޯބަރު 2024 - 12:00 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ މިއަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ދެކޮޅު ނުޖެއްސުމާ ގުޅިގެން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ޓަކައި މިއަދުން މިއަދަށް ބަހުސް ނިންމައި ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ފޮނުވުމަށް ފަހު، އެ ކޮމެޓީގެ މަސައްކަތް ނިންމަން އެއް ދުވަސް ދޭން މަޖިލީހުން ފާސްކޮށްފި އެވެ.
އެގޮތަށް މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އާއި މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ތާއީދު ކުރެއްވި އެވެ.
ފަލާހުގެ ހުށަހެޅުން ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާއެކު އެވެ. އެ ހުށަހެޅުން ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެ ހުށަހަހެޅުއްވުން ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ބަޖެޓު ހުށަހެޅުއްވިއިރު ބަޖެޓުގެ މުހިންމުކަން މާލީ ވަޒީރު، މޫސާ ޒަމީރު ވަރަށް ސާފުކޮށް ހާމަ ކޮށްދެއްވި ކަމަށެވެ. އެހެންކަމުން އޭނާގެ ހުށަހެޅުން ހުށަހެޅުއްވީ ބަޖެޓު ފާސްކުރުމުގެ މަސައްކަތް ވީހައިވެސް އަވަސް ކުރެވޭނެ ގޮތަކަށް އެކަން ކުރިއަށް ގެންދިޔުމަށް ކަމަށް ފަލާހު ވިދާޅުވި އެވެ.
އެގޮތުން އޭނާ ހުށަހެޅުއްވީ މިއަދުގެ 1:30 އިން ފެށިގެން ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ފެށުމަށާއި ބަހުސް ނިމެންދެން ކުރިއަށް ގެންގޮސް މިއަދު ބަހުސް ނިންމުމަށެވެ. އަދި ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ވަގުތުކޮޅެއް ދިނުމަށް އޭނާގެ ހުށަހެޅުއްވި އެވެ.
އެއަށްފަހު ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ހުށަހެޅުމަށާއި އެ ކޮމެޓީގެ މަސައްކަތް ކުރުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ ކޮމެޓީން ނިންމާ ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރުމަށް ފަލާހު ހުށަހެޅުއްވީ ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ވަގުތު ކޮޅެކެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް މިއަދު ހުށަހެޅީ 5.1 ބިލިއަންގެ ބަޖެޓެކެވެ. ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނު ސަބަބު ސާފުކޮށްދެމުން ފިނޭންސުން މައިގަނޑު ގޮތެއްގައި ބުނީ މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި، ބަޖެޓު އެގޮތަށް ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި މި އަހަރުގެ ޖުލައިން ފެށިގެން ހަރަދު ކުޑަކުރުމަށްޓަކައި ރިފޯމްތަކެއް ގެންނަން ބަޖެޓުގައި އޮތް ނަމަވެސް، އެ ރިފޯމްތައް ތަންފީޒުކުރެވާނެ ގޮތެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އެކަމަށް ޓަކައި ކުރަން ޖެހުނު ޓެކްނިކަލް މަސައްކަތްތައް ކުރަން ޖެހުނީ މި ސަރުކާރުން ކަމަށް ފާހަގަކުރަމުން ފިނޭންސުން ތުހުމަތުކުރީ ކުރީ ސަރުކާރުން އެ ޒިންމާއިން ރެކިގެންފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުދި އަދަދުތަކުން ބަޖެޓު ކުރުމަށް ފަހު ހުއްޓިފައި ހުރި ޕްރޮޖެކްޓުތައް ހިންގުން މި ސަރުކާރަށް ޖައްސާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި މިކަން މިގޮތަށް ކުރީ މިދިޔަ އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓު ކުރުމަށް ފަހު އެޑްވާންސް ޕޭމަންޓުތައް ދޫކުރުމަށް ފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ހަމައެހެންމެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށް ވެސް ބަޖެޓު ސަޕްލިމެންޓު ކުރަން ޖެހޭ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. ސަޕްލިމެންޓު ކުރާ ފަސް ބިލިއަންގެ ތެރެއިން ދެ ބިލިއަން ހަރަދު ކުރަނީ ޕީއެސްއައިޕީއަށެވެ.
Comment