24 އޮކްޓޯބަރު 2024 - 11:24 0
މުހައްމަދު ޝަހްޒާން
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
24 އޮކްޓޯބަރު 2024 - 11:24 0
ސަރުކާރުގެ އެކިއެކި ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް ގޮވައިލާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ފާސްކޮށް އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް މީކާއިލް ނަސީމް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ބައެއް އުނިކުރަން ރައީސް ނިންމެވި ނިންމުމާ ގުޅިގެންނެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އެ އެފަދަ ބަދަލެއް ގެންނަން ރައީސް ނިންމަވާފައިވީ ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހައިތަނަށް ހާމަ ކޮށްފައި ނެތުމުން ކަމަށެވެ.
"އެ ފަރާތްތަކުގެ މުސާރަތައް ކުޑަކުރަން ހުށަހަޅާފައިވާ މި ދަނޑިވަޅުގައި ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު ހާމަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ 192 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ބިލު ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިނުގަންނަން ފާސްވީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 59 މެންބަރުންގެ ވޯޓާ އެކު އެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސީޔާސީ މުވައްޒަފުންގެ އަދަދު ހާމަ ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވާއިރު، ނޮވެމްބަރު 17, 2023 ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އާ ގާތްކުރާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.
Comment