23 އޮކްޓޯބަރު 2024 - 23:12 0
ކޮރެއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްސީ
23 އޮކްޓޯބަރު 2024 - 23:12 0
އަނިޔާގެ ގިނަ މައްސަލަތަކެއްގެ ސަބަބުން ރާއްޖޭގެ ގައުމީ 17 އަހަރުން ދަށުގެ ޓީމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި 13-0 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ އެވެ.
މިއީ މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ އެންމެ ފަރަގު ބޮޑުކޮށް ބަލިވި މެޗެވެ. މީގެކުރިން ރާއްޖެ ކުޅުނު ދެ މެޗުން ވަނީ 2-2 އިން ބޫޓާނާ އެއްވަރުވުމުގެ އިތުރުން، ބަހްރޭން އަތުން 1-0 އިން ބަލިވެފަ އެެވެ.
ކޮރެއާއާ ދެކޮޅަށް މި މެޗުގައި ނުކުތްއިރު، ރާއްޖެ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. ޓީމުގެ ކެޕްޓަން، އިލާން، 15، އާއި މިޑްފީލްޑަރު އަޔާން، 16، އަށް އަނިޔާވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަޔާން އާއި އިލާން އަކީ، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ މުހިންމު ދެ ކުޅުންތެރިންނެވެ.
މީގެ އިތުރުން، މިއަދުގެ މެޗުގައި ވޯމްއަޕް ކުރަނިކޮށް ޓީމުގެ އެއް ވަނަ ކީޕަރު، އިދާން އިސްމާއިލް އަޝްރަފްގެ ކަކުލަށް އަނިޔާވެ، އޭނާ އަށް ނުކުޅެވޭ ގޮތްވުމުން، އެ މައްސަލަ ވެސް ޓީމަށް ކުރިިމަތިވީ އެވެ. އެ ގޮތުން، ކޮރެއާ އިން ފުރަތަމަ ހާފުގައި ފަސް ގޯލު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަށް ގޯލު ޖަހައިފަ އެވެ.
ގްރޫޕްގައި ރާއްޖޭން ކުޅޭ ފަހު މެޗު އޮތީ، ކޮލިފައިން މި ގްރޫޕްގެ މި މެޗުތައް ކުރިއަށްދާ ޗައިނާއާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އެވެ.
މި ވަގުތު މި ގްރޫޕްގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް ކޮރެއާ އާއި ދެ ވަނައިގައި އޮތް ޗައިނާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބަހްރޭނުގެ ތިން ޕޮއިންޓް އޮތްއިރު، ހަތަރެއްގައި އޮތް ބޫޓާނާއި ފަސް ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ރާއްޖޭން 2022 ވަނަ އަހަރު ކުޅުނު 17 އަހަރުން ދަށުގެ ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި ހަތަރު މެޗުން ބަލިވެގެންނެވެ. އެ ފަހަރު، ކުވެއިތު އަތުން 6-0، އިންޑިއާ އަތުން 5-0، ސައުދީ އަރަބިއްޔާ އަތުން 9-0 އިން އަދި މިޔަންމާ އަތުން 7-0 އިން ވަނީ ބަލިވެފަ އެވެ.
Comment