Advertisement

މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ, އަހަރެއްގެ ތެރޭ މަހުގެ އަގު 12 ޕަސެންޓު އުފުލިއްޖެ

ބާޒާރުގައި މީހަކު ކަޅުބިލަމަސްތަކެއް ހިފައިގެން ދަނީ: އަހަރެއްގެ ތެރޭގައި މަހުގެ އަގު ވަނީ 12 ޕަސެންޓު އުފުލިފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ, އަހަރެއްގެ ތެރޭ މަހުގެ އަގު 12 ޕަސެންޓު އުފުލިއްޖެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މަހުގެ އަގު ވަރަށް ބޮޑުތަނުން އުފުލިއްޖެ އެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ އޮކްޓޯބަރު 17، އާ ހަމައަށް އެ ކުންފުންޏަށް ގަތީ 28،951 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. އެކަމަކު، މިދިޔަ އަހަރު، އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް 57،510 މެޓްރިކް ޓަނުގެ މަސް ކިރި އެވެ. އެހެންކަމުން ހިސާބުތަކަށް ބަލާއިރު، މި އަހަރު ކިރި މަހުގެ އަދަދު މިދިޔަ އަހަރަށްވުރެ 28،951 މެޓްރިކް ޓަނު މަދެވެ.

ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ހުރިހާ މަހެއްގައި ވެސް މަސްވެރިކަން ދަށެވެ. އެކަމަކު އެންމެ ބޮޑަށް މަސްވެރިކަން ދަށްވީ ޖުލައި މަހުގެ ތެރޭގަ އެވެ. ޖުލައި މަހު މިފްކޯއަށް ކިރީ އެންމެ 247 މެޓްރިކް ޓަނުގެ މަހެވެ. އެންމެ ގިނައިން މަސް ކިރާފައި އޮތީ ޖެނުއަރީ މަހެވެ. ޖެނުއަރީގައި 7452 މެޓްރިކް ޓަނުގެ މަސް ކިރި އެވެ.

ޖުލައި މަހު މަސް ކިރި އަދަދު އެންމެ މަދުވި ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މަސްވެރިކަން އެންމެ ބޮޑަށް ދަށްވީ މެއި މަހުގެ ތެރޭގަ އެވެ. މި އަހަރުގެ މެއި މަހު ބޭނީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 4869 މެޓްރިކް ޓަނު މަދުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އެންމެ ފަހުން އާންމުކޮށްފައިވާ އޯގަސްޓް، 2024، ގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސް އަށް ބަލާއިރު، އަހަރެއްގެ ތެރޭގައި މަހުގެ އަގު ވަނީ 12.64 ޕަސެންޓު އުފުލިފަ އެވެ. މި އަހަރުގެ ޖުލައި މަހުން އޯގަސްޓު މަހަށް ވެސް މަހުގެ އަގު 1.13 ޕަސެންޓު އުފުލުނެވެ.

މި އަހަރުގެ ޖުލައި މަހުން އޯގަސްޓު މަހަށް މަހުގެ އަގު ބޮޑުވި އެންމެ ބޮޑު ސަބަބަކީ ފަރުމަހާއި ރިހާކުރުމުގެ އަގު އުފުލުމެވެ. މަހެއްގެ ތެރޭގައި ފަރުމަހުގެ އަގު 3.48 ޕަސެންޓު އުފުލުނެވެ. އަދި ރިހާކުރުގެ އަގު 2.91 ޕަސެންޓު އުފުލުނެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު، މަސް ކިލޯއެއްގެ އަގު އުޅުނީ 22ރ. ގަ އެވެ. ނަމަވެސް ސަރުކާރުން ވަނީ މަސް ގަންނަ އަގު ވަރަށް ބޮޑަށް ތިރިކޮށްލައިފަ އެވެ. މިހާރު ގަނޑުކުރި މަސް ކިލޯއެއް މިފްކޯއަށް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

މަހުގެ އަގު ސަރުކާރުން ދަށް ކުރި ނަމަވެސް ކިލޯއެއް 20ރ. އިން މަތީގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" އޯގަސްޓު 19، 2023، ގައި މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.