22 އޮކްޓޯބަރު 2024 - 06:43 0
22 އޮކްޓޯބަރު 2024 - 06:43 0
ލިވަޕޫލް (އޮކްޓޫބަރު 22) - ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކްއާ އެކު، އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތައް ފަށާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި، ވެން ޑައިކް، 33، ގެ ވިސްނުން ހުރީ، ލިވަޕޫލާ އެކު، ދެ އަހަރުގެ އެއްބަސްވުމެއް ހަދައި، 2026 ވަނަ އަަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށް އެ ކްލަބްގައި މަޑުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވެން ޑައިކް ބުނީ، ލިވަޕޫލާ އެކު އާ އެއްބަސްވުމުގެ ވާހަކަތައް މިހާރު ފެށިފައިވާ ކަމަށެވެ.
"މަޝްވަރާތައް މި ފެށީ. ދެން މީގެ ވަނީ ކިހިނެއްތޯ ކުރިއަށް އޮތްތަނުގައި ފެންނާނެ، އަހަރެން ޔަގީންކަމާ އެކު ބުނަން އޮތީ، ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ފޯކަސް އަކީ މި ސީޒަނުގައި ލިވަޕޫލަށް ހޯދައިދެވެން އޮތް ހުރިހާ ކާމިޔާބީ އެއް ހޯދަން މަސައްކަތްކުރުން،" ވެން ޑައިކް ބުންޏެވެ.
ލިވަޕޫލްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ވެން ޑައިކް އާއި މުހައްމަދު ސަލާހު އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. ވެން ޑައިކްގެ އިތުރުން ދެން ތިބި ކުޅުންތެރިންނާ އެކު ވެސް ލިވަޕޫލުން ވަރަށް އަވަހަށް ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތައް ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސައުތެމްޓަން ދޫކޮށް، 2018 ވަނަ އަހަރުގެ ޖެނުއަރީގައި ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ 94 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މިއީ އޭރަށް ބަލާނަމަ ޑިފެންޑަރަކަށް ކްލަބަކުން ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލާ ގުޅުމަށް ފަހު ވެން ޑައިކް ތަފާތު މޮޅަށް ކުޅުނެވެ. އަދި އިންޑިވިޖުއަލް އެވޯޑްތަކަށް ވެސް ވަނީ ވާދަކޮށްފަ އެވެ.
މި ސީޒަނުގައި، އާނާ ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ޓީމުގެ ފަހަތުގައި ވެން ޑައިކް ވެސް ކުޅެމުން އަންނަނީ ރަނގަޅު ފޯމެއްގަ އެވެ. ލީގުގައި މިހާތަނަށް ލިވަޕޫލް ކޮޅަށް ވަނީ ތިން ގޯލެވެ. މިއީ، ލީގުގެ އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑް ކަމަށްވާއިރު، މިއީ، ޕްރިމިއާ ލީގުގެ އާ ސީޒަނެއް ފަށައިގެން ވެސް ލިވަޕޫލްގެ އެންމެ ރަނގަޅު ޑިފެންސް އޮތް ފަހަރެވެ.
Comment