Advertisement

ވޮލީބޯލް އެސޯސިއޭޝަނާއި އެ ތަނުގެ ވެރިންނާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް ލަތީފް: މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން.


ވޮލީބޯލް އެސޯސިއޭޝަނާއި އެ ތަނުގެ ވެރިންނާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި އެ ތަނުގެ ވެރިންނާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ގަވާއިދެއް ފާސްކޮށްފި އެވެ.

މި ނިންމުން ފާސްކޮށްފައިވަނީ، ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ފާސްކުރަން ހާއްސަކޮށްގެން، ރޭ ކުރިއަށްދިޔަ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.

އެ ގޮތުން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮންގްރެސްގެ އެޖެންޑާގެ "އެހެން ކަންތައްތައް" ބައިގެ ދަށުން ކްލަބް ވޮލީބޯލް އިން ވަނީ ހުށަހެޅުމެއް ހުށަހަޅާފައި ކަމަށެވެ.

އެއީ، ވޮލީބޯލް އެސޯސިއޭޝަނާއި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފު އަދި ބޭ އަދަބީ، މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށް ތަފާތު ވާހަކަތަކާއި އިލްޒާމްތައް އަޅުވައި، ފޮޓޯ، ސޯޝަލް މީޑިއާގައި ދައުރުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި، އެފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ.

އެ ގޮތުން، އަޅާނެ ފިޔަވަޅެއްގެ ގޮތުގައި، ރާއްޖޭގައި ރާވާ ހިންގާ ވޮލީގެ އެއްވެސް ހަރަކާތެއްގައި މަދުވެގެން 2 އަހަރު ދުވަހަށް ބައިވެރިވުން މަނާ ކުރުމަށް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ. މި ހުށަހެޅުމަށް، އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްސް ސްޕޯޓްސް ކްލަބުން ތާއީދުކުރިއިރު، މި ހުށަހެޅުން ވަނީ ހުރިހާ މެމްބަރު ކްލަބުތަކުގެ އިއްތިފާގުން ފާސްކޮށްފައި ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ރޭގެ ކޮންގްރެސްގައި، ވޮލީބޯލް އެސޯސިއޭޝަންގެ ހުރިހާ ފުރިހަމަ މެމްބަރު ކްލަބްތަކުގެ މަންދޫބުން ބައިވެރިވި ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެއީި ޕޮލިސް ކްލަބް، އަލްމާ ސްޕޯޓްސް ކްލަބް، އައްޑޫ ސްޕޯޓްސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ވޮލީބޯލް، ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ހާފް ލައިން ލިންކޭޖް، އެސްޕިރޭޝަން ފޯ އޮލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބް އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ލީޑަޝިޕްގައި މި ވަގުތު ތިބި ގިނަ ފަރާތްތަކަށް ބަލާއިރު، އެއީ، މީގެ ކުރިން އޮތް ވޮލީ އެސޯސިއޭޝަންގެ ލީޑަޝިޕްގެ ނިންމުންތަކަށް ވެސް ފާޑުކީ ފަރާތްތަކެވެ. އެހެންވެ، ކުރިން ދައްކާފައިވާ ވާހަކަތަކާއި މިހާރު މަގާމަށް އައިސް އަމަލުކުރަމުން އަންނަ ގޮތާ ދިމާނުވާތީ، ވޮލީބޯޅައިގެ ތެރޭގައި އުޅޭ ގިނަ ބަޔަކު އަންނަނީ އެ ވާހަކަތައް ފާހަގަކުރަމުންނެވެ. އެހެންކަމުން، އެ ގޮތަށް ފާޅުކުރާ ހިޔާލުތަކެއްގެ ސަބަބުން ވެސް ވީއޭއެމް އިން ރޭ ފާސްކުރި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭގޮތަށް ޖާގަ އޮތްއިރު، މިއީ، ވޮލީބޯލް އެސޯސިއޭޝަންގެ ކަންކަމަށް ހިޔާލުފާޅުކުރުމާއި ފާޑުކިޔުމަށް ހުރަސް އެޅުމަށް އައި ނިންމުމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.