Advertisement

އިންޑިއާ-ޗައިނާ ބޯޑަރު ޕެޓްރޯލް ކުރުމާ ގުޅޭ ގޮތުން ދެ ގައުމު އެއްބަސްވުމަކަށް

އިންޑިއާ-ޗައިނާ ބޯޑަރު ކައިރީ ދެ ގައުމުގެ ސިފައިން ހަރަކާތްތެރިވަނީ: ބޯޑަރު ހިމެނޭ ސަރަހައްދުގައި ދެ ގައުމުން ޕެޓްރޯލް ކުރުމާ ގުޅޭގޮތުން ވަނީ އެއްބަސްވުމަކަށް އައިސްފައި -- ފޮޓޯ: އޭޕީ


އިންޑިއާ-ޗައިނާ ބޯޑަރު ޕެޓްރޯލް ކުރުމާ ގުޅޭ ގޮތުން ދެ ގައުމު އެއްބަސްވުމަކަށް

އިންޑިއާ-ޗައިނާ ބޯޑަރު ގުޅޭ ސަރަހައްދުގައި އަސްކަރިއްޔާއިން ޕެޓްރޯލް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މައިސީރީ ވިދާޅުވީ ފާއިތުވެދިޔަ ހަފުތާތަކުގައި އިންޑިއާ އާއި ޗައިނާގެ ޑިޕްލޮމެޓުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެ މަޝްވަރާތަކުގެ އަލީގައި ބޯޑަރު ޕެޓްރޯލް ކުރުމާ ގުޅޭ ގޮތުން ދެ ގައުމަށް ވެސް ބައެއް ކަން ކަމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ނަމަވެސް ބޯޑަރުގައި މިވަގުތު ތިބި ދެ ގައުމުގެ ސިފައިން މަދު ކުރުމާ ގުޅޭ ގޮތުން މައިސީރީ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އިންޑިއާ އަދި ޗައިނާ ގުޅޭ ބޯޑަރަށް ދެ ގައުމުގެ ސިފައިން އިތުރު ކުރީ 2020 ގައި އެތަނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި 20 އިންޑިއާ ސިފައިން އަދި ހަތަރު ޗައިނާ ސިފައިން ވަނީ މަރުވެފަ އެވެ.

ބޯޑަރު ޕެޓްރޯލް ކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އިންޑިއާއިން ބުނި ނަމަވެސް، މިހާތަނަށް ޗައިނާއިން އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ އަދި ޗައިނާ ގުޅޭ އެ ބޯޑަރަކީ 3،488 ކިލޯ މީޓަރު ބޮޑު ސަރަހައްދެކެވެ.

އެ ބޯޑަރުގައި ހަމަނުޖެހުންތައް ހިނގި ފަހުން އިންޑިއާ އާއި ޗައިނާއާ ދެމެދު ގުޅުން ގޯސްވި ނަމަވެސް، ދެ ގައުމުން ސުލްހަ ގާއިމު ކުރުމަށް އެކި މަޝްވަރާތައް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.