29 ޖަނަވަރީ 2025 - 04:57 0
ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު: ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް އިންޑިއާއިން ވަނީ ފޯރުކޮށްދީފަ -- ފޮޓޯ: ރައީސް އޮފީސް
29 ޖަނަވަރީ 2025 - 04:57 0
ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައި އޮތް ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ރާއްޖެއަށް ދޭ މާލީ އެހީތައް ކުރިއަށްގެންދިޔުމާމެދު އިންޑިއާއިން ވިސްނަމުންދާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އިކޮނޮމިކް ޓައިމްސް އިން ޝާއިއު ކުރި ހަބަރެއްގައި އިއްޔެ ބުނީ، އިންޑިއާގެ ކަންބޮޑުވުމަކީ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. އެހެންވެއްޖެ ނަމަ އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އިންޑިއާއިން ދެކެ އެވެ.
ރިޕޯޓު ބުނާ ގޮތުން، ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ގާތްގަނޑަކަށް އަހަރަކު 40 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ އެވެ. އެއީ ކަސްޓަމްސް ޑިއުޓީއިން މަދުވާ ބައެވެ. އޭގެ އިތުރުން ތުރުކީއާއެކު ސޮއި ކުރި އެފްޓީއޭގެ ސަބަބުން ވެސް ގާތްގަނޑަކަށް ހަމަ އެ އަދަދު އަހަރަކު ގެއްލޭނެ ކަމަށް އިންޑިއާއިން ގަބޫލު ކުރެ އެވެ.
އޭގެ އިތުރުން، ޗައިނާ އެފްޓީއޭގެ ސަބަބުން "ރީޖަނަލް ޓްރޭޑް އިމްބެލެންސް" އަކަށް ދާނެ ކަމަށް ވެސް އިންޑިއާއިން ލަފާ ކުރެ އެވެ. ރީޖަނަލް ޓްރޭޑް އިމްބެލެންސްއަކީ އެ ސަރަހައްދަކަށް އިމްޕޯޓު ކުރާ މިންވަރު، އެކްސްޕޯޓު ކުރާ އަދަދަށް ވުރެ އިތުރުވުމެވެ.
ރާއްޖެއިން ޗައިނާއާއެކު އެފްޓީއޭގައި ސޮއި ކުރީ 2017 ވަނަ އަހަރެވެ. އެކަމަކު، އެގްރިމަންޓަށް އަމަލު ކުރަން ފެށީ މި ޖެނުއަރީ މަހެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގްރިމަންޓަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ކުރިން ސަރުކާރުން ބުންޏެވެ. އެކަމަކު، އަމަލު ކުރުން ފަސް ކުރީ އެވެ.
ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ވަނީ އޮކްޓޯބަރު، 2024، ގައި ރޯލްއޯވާ ކޮށްދީފަ އެވެ. ރޯލްއޯވާ ކުރުމަކީ ލޯނު ދައްކަންޖެހޭ ތާރީހުތަކަށް ބަދަލު ގެނައުމެވެ. އޭގެ އިތުރުން، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސް (400 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.
ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރިފައިނޭންސް ކުރަން ވެސް ރާއްޖެއިން ވަނީ އޮކްޓޯބަރު، 2024، ގައި ލޯނެއް ނަގައިފަ އެވެ. އެއީ 74 މިލިއަން ޑޮލަރުގެ ލޯނެކެވެ. ޗައިނާއިން ލޯނު ނެގީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިފައިނޭންސް ނުވަތަ ރިސްޓްރަކްޗާނުކޮށް ލޯނުތައް ދެއްކުން ކަމަށް ޗައިނާއިން ބުނެފައި އޮއްވަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ކެމްޕެއިނަކަށްފަހެވެ. ވެރިކަމަށް ވަޑައިގެން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރީ ޗައިނާއާއެކު އެވެ. އެއާއެކު ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.
ނަމަވެސް މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމެންޓުތައް ސަރުކާރުން ލަފާ ކުރި ގޮތަށް ނުވަނުމުން އިންޑިއާއާއެކު އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އިންޑިއާއިން މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވީ ބަދަލުގައި ބައެއް ކަންކަން ކޮށްދޭން ސަރުކާރުން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment