Advertisement

އެޗްޑީސީ އާއި އެފްޑީސީން ކުރާ މަސައްކަތްތަކުގެ ތަފްސީލު އެސްއޯއީ ކޮމިޓީން ހޯދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަބް ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް


އެޗްޑީސީ އާއި އެފްޑީސީން ކުރާ މަސައްކަތްތަކުގެ ތަފްސީލު އެސްއޯއީ ކޮމިޓީން ހޯދަން ނިންމައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރާ މަސައްކަތްތަކުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީ (އެސްއޯއީ) ގެ ސަބް ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެޗްޑީސީ އާއި އެފްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތަކާއި މެންޑޭޓުގައި ހިމެނި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއްގެ އިތުރުން ކުރާ މަސައްކަތްތަކުގެ ތަފްސީލްތައް ކޮމިޓީއަށް ހޯދުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.

ކޮމިޓީގައި ނާޒިމް ވިދާޅުވީ އެ ދެ ކުންފުނިން ހިންގާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގަން ހުރި ގޮންޖެހުންތައް ބަލަން ޖެހޭ ކަމަށާއި އެފްޑީސީން ކުރިއަށް ގެންދާ 4،000 ފްލެޓުގެ މަސައްކަތް ގޮސް އޮތް ހިސާބު ވެސް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭގެއިތުރުން އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީއަކަށް ހެދުމަށް ސަރުކާރަށް ނިންމާފައިވާއިރު އެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުން މުހިންމު ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތަފްސީލް ހޯދުމަށް ކޮމިޓީން އެދިފައި ވަނީ އެ ކުންފުންޏާ ގުޅޭ ބައެއް މައްސަލަތައް ފެންމަތިވެ، ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށް ބައެއް ޕީއެންސީގެ މެންބަރުން ވެސް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.