Advertisement

ބަހްރޭނާ ދެކޮޅަށް ޒުވާން ޓީމުން ހިތްވަރުގަދަ ކުޅުމެއް

21 އޮކްޓޯބަރު 2024 - 15:18 0

ބަހްރޭނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން---- ފޮޓޯ: އޭއެފްސީ


ބަހްރޭނާ ދެކޮޅަށް ޒުވާން ޓީމުން ހިތްވަރުގަދަ ކުޅުމެއް

21 އޮކްޓޯބަރު 2024 - 15:18 0

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި މިއަދު ކުޅުނު މެޗުން ރާއްޖޭން ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް ފަހު ވަގުުތު ލަނޑު ޖަހައި، 1-0 އިން ބަހްރޭން މޮޅުވެއްޖެ އެވެ.

ފަސް ޓީމު ވާދަކުރާ މި ކޮލިފައިން ގްރޫޕްގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ ވަނީ 2-2 އިން އެއްވަަރުވެފަ އެވެ. ބަހްރޭން ކުޅުނު ފުރަތަމަ މެޗުން ޗައިނާ އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ. އެހެންކަމުން، މިއަދުގެ މެޗު ދެ ޓީމަށް ވެސް އޮތީ ނަތީޖާ ނެރެން މުހިންމުވެފަ އެވެ.

ޗައިނާގެ ޑާލިއާންގެ ޕުވާން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ 83 ވަނަ މިނިޓާ ހަމައަށް ރާއްޖޭން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ. އެކަމަކު، 83 ވަނަ މިނިޓްގައި ބަހްރޭންގެ އިބްރާހިމް އަހުމަދު އަޔާޝް ވަނީ ގޯލު ޖަހައިފަ އެވެ.

ބަހްރޭނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެެއިން. --- ފޮޓޯ: އޭއެފްސީ


ބަހްރޭނަކީ އޭޝިއާ ފުޓްބޯޅައިގައި ޔޫތު ލެވަލްގައި ރަނގަޅު މަސައްކަތްތަކެއް ކުރާ ޓީމެކެވެ. އަދި އަހަރެއްގެ މައްޗަށް ބަލާއިރު، ޔޫތު ލެވަލްގައި ރަނގަޅު އިންޓަނޭޝަނަލް މެޗުތަކެއް ވެސް ކުޅެ އެވެ. ރާއްޖޭގެ 17 އަހަރުން ދަށަށް މި އަހަރު ލޯކަލް މުބާރާތެއް ނެތްއިރު، މެޗު ކުޅެން ލިބުނީ ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ ގޮތުން ސާފް ޗެމްޕިއަންޝިޕްގައި، ބަންގްލަދޭޝާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން އިންޑިއާ އަތުން 3-0 އިން ބަލިވެ ކެޓީ އެވެ.

ރާއްޖޭން 2022 ވަނަ އަހަރު ކުޅުނު 17 އަހަރުން ދަށުގެ ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި ހަތަރު މެޗުން ބަލިވެގެންނެވެ. އެ ފަހަރު، ކުވެއިތު އަތުން 6-0، އިންޑިއާ އަތުން 5-0، ސައުދީ އަރަބިއްޔާ އަތުން 9-0 އިން އަދި މިޔަންމާ އަތުން 7-0 އިން ވަނީ ބަލިވެފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި، ބުދަ ދުވަހު ދެކުނު ކޮރެއާއާ ކުޅުމަށް ފަހު، ހުކުރު ދުވަހު ގްރޫޕްގެ ފަހު މެޗުގައި ޗައިނާއާ ބައްދަލުކުރާނެ އެވެ.