Advertisement

ކޯންފްލެކްސް ފޮށީގައި ފޮރުވައިގެން 81,130 ޑޮލަރު ބޭރުކުރަން އުޅުނު މީހާ 12،000ރ. އިން ޖޫރިމަނާކޮށްފި

ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ހިފެހެއްޓި ޑޮލަރުތައް -- ފޮޓޯ: ފުލުހުން


ކޯންފްލެކްސް ފޮށީގައި ފޮރުވައިގެން 81,130 ޑޮލަރު ބޭރުކުރަން އުޅުނު މީހާ 12،000ރ. އިން ޖޫރިމަނާކޮށްފި

ކޯންފްލެކްސް ފޮށްޓެއްގެ ތެރޭގައި ފޮރުވައިގެން 81،130 ޑޮލަރު ރާއްޖޭން ބޭރު ކުރަން އުޅުނު ޝަހްމިން އިސްލާމް ޝަގުރު، އެ ކަމަށް އިއުތިރާފުވުމުން، އެ ފައިސާ ދިވެހި ދައުލަތަށް ނެގުމާއެކު 12،000ރ. އިން އޭނާ ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކެލޮގްސް ބްރޭންޑުގެ ކޯންފްލޭކްސް ފޮށްޓެއްގައި ފޮރުވައިގެން ރާއްޖެއިން ބޭރަށް ޑޮލަރުތަކެއް ގެންދަން އުޅެނިކޮށް ޝަހްމިން އަތުލައިގަތީ އޯގަސްޓު 25، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ބޭރަށް ދާން އުޅުނީ ޔޫއެސް ބަންގްލާ އެއާލައިންސް އިން ޑާކާ އަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ސިއްރުން ރާއްޖެއިން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޝަހްމިން ބުނެފައި ވަނީ ދައުވާގައިވާ ކަަންކަމަށް އިއުތިރާފުވާ ކަމަށާއި ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާ ފޮރުވައިގެން ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރިކަން، ޝަހްމިންގެ އަމިއްލަ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އެ ކޯޓުން ހުކުމް ކުރީ ވަގަށް ރާއްޖޭން ބޭރުކުރަން އުޅުނު 81،130 ޑޮލަރު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނެގުމާއެކު 12،000ރ. އިން ޖޫރިމަނާ ކުރުމަށެވެ. އެގޮތުން ޖޫރިމަނާ ފައިސާ ނޮވެމްބަރު 4، ގެ ކުރިން މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އަންގާފައިވެ އެވެ.

ޝަހްމިންގެ މައްޗަށް ކުރި ހުކުމް ލުއިވީ، އޭނާއަށް ހުކުމް ކުރިއިރު، އޭނާ ކުރި ކުށަށް އަމިއްލައަށް އިއުތިރާފުވެ ޕްރޮސެކިއުޓާ ޖެނެރަލް އާއެކު ވެފައި އޮތް އިއުތިރާފުގެ އެއްބަސްވުމަށް ރިއާއަތް ކުރުމުންނެވެ.

ޝަހްމިން ބުނެފައި ވަނީ ކަސްޓަމްސްއިން ހިފެހެއްޓި ފައިސާތަކުގެ ތެރޭގައި އޭނާގެ އަމިއްލަ 4500 އެމެރިކާ ޑޮލަރާއި 350 ޔޫރޯ ހިމެނޭ ކަމަށެވެ. އެ ފައިސާ ދޫކޮށްލުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން އަމުރުކުރި، 12،000ރ. ދައްކާނެ ކަމަށް ޝަހްމިން ބުނެފައިވެ އެވެ.

ދައުލަތުން ބުނެފައި ވަނީ މި މައްސަލައިގެ ހުކުމެއް ކުރާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޝަހްމިންގެ އަމިއްލަ ފައިސާ ދޫކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ބުނާގޮތުން ރާއްޖެއިން ބޭރަށް 10،000 އަށްވުރެ ގިނަ ޑޮލަރު ގެންދާނަމަ، ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހެ އެވެ.