20 އޮކްޓޯބަރު 2024 - 20:58 0
މުހައްމަދު ޝަހްޒާން
އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު -- ފޮޓޯ: ހޯމް މިނިސްޓަރީ
20 އޮކްޓޯބަރު 2024 - 20:58 0
ރާއްޖޭގައި މިހާރު އާންމުވަމުންދާ މަސްތުވާތަކެތީގެ އާ ބާވަތްތަކުގެ ސަބަބުން އެ ތަކެތި ބޭނުންކުރާ ގިނަ މީހުން ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށާއި އެކަމަށޤ ފަރުވާ ދިނުމަށް މިވަގުތު އެންޑީއޭ އަދި ތައްޔާރުވެފައި ނުވާ ކަމެއް ކަމަށް އެ އޭޖެންސީގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި އެންޑީއޭ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާޝިދު ވިދާޅުވީ ރާއްޖޭގައި އާންމުވަމުންދާ މަސްތުވާތަކެތީގެ ތެރެއިން ހާއްސަ ގޮތެއްގައި ސިންތެޓިކް ޑްރަގްސް ނަގާ މީހުންނަށް ނަފުސާނީ ބަލިމަޑުކަން ދިމާވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ މަސްތުވާތަކެތި ބޭނުން ކުރުމުން އެ އަންނަ ނަފުސާނީ ބަލިމަޑުކަމެއް، އެކަންކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ގިނަ އެޑިކްޓުންގެ ފަރާތުން އެބަ ފާހަގަކުރެވޭ، ހާއްސަކޮށް އެއީ އަޅުގަނޑުމެންގެ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" ރާޝިދު ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 10 ސެންޓަރެއްގައި 1500 އަށްވުރެ ގިނަ މީހުން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ނިޒާމު ރާއްޖޭގައި ބައްޓަން ކުރެވިފައި އޮތީ މަސްތުން ސާފުކޮށް މީހުން އަނބުރާ މުޖުތަމައުއަށް ނެރެދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ކުރިމަތިވާ ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް އެ ގޮންޖެހުންތަކާ އެކު ވެސް ބޭރުގެ އެހީއާއި އެހެނިހެން ފަރާތްތަކުގެ އެހީ އާއެކު މިހާރު ވެސް ދެވޭ ފަރުވާއިން ކާމިޔާބު ނަތީޖާ ނުކުންނާނެ ކަމާމެދު އޮންނަ ޔަގީންކަން ވަރަށް ބޮޑު ކަމަށް ރާޝިދު ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން، ކުށްކުރާށާއި ސަލާން ޖަހަން އުޅޭ މީހުން މަގުތަކުން މަދުކުރަން ނެޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ރިމާންޑް އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ކުރާ މަސައްކަތްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި މަގުތައް މަތިން ރައްޔިތުންނަށް ތަފާތު ފެންނާނެ ކަމަށް ފުލުހުން ބުންޏެވެ.
Comment