Advertisement

މީރާއަށް ޓެކްސް ނުދައްކައިފި ނަމަ 60 ދުވަސްވުމުގެ ކުރިން ވެސް އެކައުންޓު ފްރީޒް ކުރެވޭ ގޮތް ހަދައިފި

21 އޮކްޓޯބަރު 2024 - 07:07 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީރާގެ މައި އޮފީސް: މީގެ ކުރިން މީރާއިން އަމަލު ކުރަމުން އައި އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން މީރާއަށް ޓެކްސް ދައްކަންޖެހި، އެ ޓެކްސް ނުދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭނީ، އެ ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 60 ދުވަސް ފާއިތުވުމުން -- ފޮޓޯ: އަދަދު ފައިލް


މީރާއަށް ޓެކްސް ނުދައްކައިފި ނަމަ 60 ދުވަސްވުމުގެ ކުރިން ވެސް އެކައުންޓު ފްރީޒް ކުރެވޭ ގޮތް ހަދައިފި

21 އޮކްޓޯބަރު 2024 - 07:07 0

މީރާއަށް ޓެކްސް ނުދައްކާތާ 60 ދުވަސް ވުމުގެ ކުރިން ވެސް އެ ފަރާތްތަކުގެ ބޭންކު އެކައުންޓު ފްރީޒްކޮށް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއްޔެ ގެޒެޓު ކުރި ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ ތިންވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ޓެކްސް ނުދައްކާ ފަރާތެއްގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭނީ، ފައިސާ ނުދައްކާތާ 60 ދުވަސް ފާއިތުވުމުން ކަމަށް އޮތް ބައި އުނިކޮށްފަ އެވެ.

މީގެ ކުރިން މީރާއިން އަމަލު ކުރަމުން އައި އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން މީރާއަށް ޓެކްސް ދައްކަންޖެހި، އެ ޓެކްސް ނުދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭނީ، އެ ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 60 ދުވަސް ފާއިތުވެގެން، އެ ފަރާތަކަށް ދޭންޖެހޭ ނޯޓިސްތައް ފޮނުވާފައިވުމާއެކު ޖުމުލަ ހަތަރު ކަމެއް ފުރިހަމަ ވާނަމަ އެވެ.

ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ ފައިސާ ދައްކައިފައި ނުވާ ނަމަ، ޓެކްސް ބަޔާން ހުށަހެޅުމަށް ނުވަތަ ފައިސާ ދެއްކުމަށް ދޭ ނޯޓިހުގެ މުއްދަތު 30 ދުވަހުން 15 ދުވަހަށް ކުޑަކުރަން މީރާގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އަންގާފައިވާ ގޮތަށް އަމަލު ނުކޮށްފި ނަމަ ފައިނަލް ނޯޓިސް ފޮނުވާނެ އެވެ.

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އަލަށް ގެނައި ބަދަލުގައިވާ ގޮތުން ދެ ވަނަ ނޯޓިހަށް ފަހު ނަން އިއުލާނު ކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

ބިމު ކުއްޔާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ފައިސާ ހޯއްދަވާނެ ކަމަށް ވެސް ރައީސް ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވިދާޅުވެފަ އެވެ.