Advertisement

ޗެލެންޖިން ބޮޑު މުބާރާތަކަށް މާޒިޔާ ކުޅުންތެރިން ތައްޔާރު

21 އޮކްޓޯބަރު 2024 - 09:41 0

އަތޫފް އާތިފް

އަތޫފް އާތިފް


ޗެލެންޖިން ބޮޑު މުބާރާތަކަށް މާޒިޔާ ކުޅުންތެރިން ތައްޔާރު

21 އޮކްޓޯބަރު 2024 - 09:41 0

އޭއެފްސީ ޗެލެންޖް ލީގަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ކުވައިތައް ދާއިރު, މި ފަހަރުގެ މުބާރާތަކީ އެ ޓީމުގެ ކުޅުންތެރިންނަށް ހުރިހާ ގޮތަކުންވެސް ބޮޑު ޗެލެންޖެއް ކަމަށާއި، އެކަމަކު ރާއްޖޭގައި ކުރެވުނު ތަމްރީނުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.

އައު ކޯޗު، ސާބިއާގެ ޑްރަގަން ޑުކަނޯވިޗާ އެކު މާޒިޔާ އިން މުބާރާތައް ތައްޔާރުވާން ފެށީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. ރާއްޖޭގެ ލީގު މެދުކެނޑިފައި އޮތުމުން ޕްރެކްޓިސްތައް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ޕްރި ސީޒަނަށް ތައްޔާރުވާ އުސޫލުންނެވެ.

މާޒިޔާ އިން މި ފަހަރުގެ މުބާރާތައް ނުކުންނައިރު، އެ ޓީމުން ވަނީ ކޯޗުގެ އިތުރުން ބިދޭސީ ހަ ކުޅުންތެރިން އެ ޓީމަށް ގެނަސްފަ އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން މާޒިޔާގެ އެންމެ އިތުބާރު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ބުނީ ރާއްޖޭގައި ކުރެވުނު ތަމްރީނުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އެކަމަކު ކޮމްޕެޓިޓިވް މެޗުތަކެއް ނުލިބި ބޮޑު މުބާރާތަކަށް ނުކުންނަން ޖެހުން އެއީ ގޮންޖެހުމެއް ކަމަށެވެ.

"އަސްލު ބޮޑު މުބާރާތަކަށް ނުކުންނައިރު, ރަނގަޅު މެޗުތަކެއް ނުލިބުން ވާނީ ވަރަށް ޗެލެންޖިން ކަމަކަށް. އެކަމަކު އެކަމަށް ތައްޔާރުވެ މި ތިބީ." ހަމްޕު ބުންޏެވެ.

މާޒިޔާ އިން މާލޭގައި ކުރިއަށްގެންދިޔަ އެންމެ ފަހު ޕްރެކްޓިސް ސެޝަންގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް


ހަމްޕު ބުނީ، މި ފަހަރުގެ މުބާރާތުގައި ވާދަކުރަން ޖެހޭ ސަރަހައްދަކީ މީގެ ކުރިން މުބާރާތްތަކުގައި ވާދަނުކުރާ ޓީމުތަކަކަށްވުން ވެސް އެއީ ގޮންޖެހުމެއް ކަމަށެވެ.

ހަމްޕުގެ އިތުރުން މާޒިޔާގެ ޑިފެންޑަރު ހައިޝަމް ހަސަން ބުނީ އަރަބި ޓީމުތަކުގެ ކުޅުން ނޭނގުން އެއީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށެވެ. އަދި އެ ޓީމުތަކުގެ ފެންވަރު މި ސަރަހައްދުގެ ޓީމުތަކަށްވުރެ މަތިވާނެ ކަމަށާއި, އެހެންވެ އެކަންކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

އޭއެފްސީގެ މުބާރާތެއްގައި މުޅިން އަލަށް ކުޅެން ތައްޔާރުވާ އަހުމަދު އައިހަމް (ފަތޯ) ބުނީ މުބާރާތައް މާޒިޔާ ޓީމު ވަރަށް ބޮޑައް ތައްޔާރު ކަމަށާއި، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަސްލު ވަރަށް އެކްސައިޓެޑް ދޯ ބޮޑު މުބާރާތެއްގައި އަލަށް ކުޅެވޭތީ. އުންމީދު މިކުރަނީ ނަތީޖާތައް ރަނގަޅުވާނެ ކަމަށް" ފަތޯ ބުންޏެވެ.

މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވާން، ދޮޅު މަސް ދުވަހު ވަނީ ޕްރެކްޓިސްކޮށްފަ އެވެ. އެ ގޮތުން، ޕްރެކްޓިސް މެޗުތައް ކުޅެފައިވަނީ، 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުންތެރިންނާ އެކު އެވެ.

މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އެ ގްރޫޕްގައި ދެން އޮތް، އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ، ދެން އެ ގްރޫޕްގައި އޮތްއިރު އެ ޓީމަކީ، އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.