Advertisement

ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީއާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަތުން މުހިންމު: ހަސަން

20 އޮކްޓޯބަރު 2024 - 11:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީއާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަތުން މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީއާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަތުން މުހިންމު: ހަސަން

20 އޮކްޓޯބަރު 2024 - 11:47 0

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑިޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތް ކުރުން މުހިންމު ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން "އަދަދު" އަށް ވިދާޅުވީ ސަރުކާރުން ދައުލަތް ވަރަށް ނުބައި މިސްރާބަކަށް ގެންދާތަން ފެންނަ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ ފައިސާ ހަރަދު ކުރާ ގޮތާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން އެހެން ޕާޓީތަކާ ގުޅިގެން، ވަކިން ހާއްސަކޮށް އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އިދިކޮޅު އެންމެ މައި ޕާޓީއަކީ އެމްޑީޕީ. އެމްޑީޕީއާ އެކީގައި ޑިމޮކްރެޓްސްއަށް ކުރެވޭނީ ކޮން މަސައްކަތްތަކެއްތޯ ދެނެގަތުމަށް ފަހު، އެ މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ސަރުކާރު ޖަވާބުދާރީ ކުރުވަން. އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ނުރަނގަޅު މިސްރާބަކާ ދިމާލަށް ސަރުކާރުން ދައުލަތް ގެންދާތަން. ހާއްސަކޮށް އިގްތިސާދީ ކަންކަމުގައި،" ހަސަން ވިދާޅުވި އެވެ.

"ދެފުށް ފެންނަ ގޮތަށް އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނޭ. އެހެންމަ ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ ފައިސާ އެ ހަރަދު ކުރާ ގޮތާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއް ކަން ދެނެގަތުމަކީ މުހިންމު ކަމެއް އަދި އެގޮތަށް އެކަން ކުރުމަކީ ވެސް މުހިންމު ކަމެއް. ދެން އެގޮތުން އެކަން ކުރާއިރު އެހެން ސިޔާސީ ޕާޓީތަކާ އެކީގައި ޑިމޮކްރެޓްސްއިން ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

މި ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ އިދިކޮޅު ޕާޓީތަކުން ދައްކަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ ޑިމޮކްރެޓްސްއިން ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަން ފާހަގަކޮށް، އެކަންކަން ރަނގަޅު ކުރުމަށް ބާރު އަޅަން ޖެހޭނެ ކަމަށެވެ.

މާޒީއަށް ބަލާއިރު ސިޔާސީ ޕާޓީތައް މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް އޮތް ނަމަވެސް، އެކުގައި ކޯލިޝަންތައް ހަދައިގެން ވެރިކަންތައް ބަދަލު ކޮށްފައިވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކުގައި މަސައްކަތް ކުރެއްވީ ވެސް ހިޔާލުތަފާތުވުންތައް ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ހަސަން ވިދާޅުވީ ޑިމޮކްރެޓްސް އާއި އެމްޑީޕީއާ ދެމެދު ސިޔާސަތުތަކުގެ ގޮތުން އޮތް ހިޔާލު ތަފާތުވުންތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެކުގައި މަސައްކަތް ކުރަން އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި އެއަށްވުރެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވުރެ މުހިންމު ކަމެއް މިވަގުތު ނެތް ކަމަށެވެ.

"2015 ގައި ރައީސް ޔާމީންގެ ސަރުކާރުން ދެފުށް ފެންނަ ގޮތަށް ކަންކަން ނުކޮށް، އެތައް ބައިވަރު ބަޔަކަށް އަނިޔާ ކުރަމުން ދިޔުމާއި އެތައް ބައިވަރު ސަބަބުތަކާ ހުރެ އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ކޯލިޝަނެއް ހަދައިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ފެށުން،" އޭނާ ވިދާޅުވި އެވެ.

"އޭރު ސިޔާސީ ޕާޓީތައް މެދުގައި ސިޔާސަތުތަކަށް ބެލިޔަސް ވަރަށް ބޮޑެތި ތަފާތުތައް ހުރި. މަސައްކަތް ނުކުރަން ޖެހޭ ސަބަބެއް އޭރު އެމްޑީޕީއަށް ނުފެނުނު. ރައީސް މައުމޫން، ރައީސް ނަޝީދަށް މާ ރަނގަޅަށް ކަންކަން ކުރައްވާފައި ހުރީމައެއް ނޫން އޭރު އެއްކޮށް މަސައްކަތް ކުރީ އެމްޑީޕީގައި ތިބެގެން ރައީސް ޔާމީންގެ ސަރުކާރު ޖަވާބުދާރީ ކުރުވަން." ހަސަން ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރުމަށް މިހާތަނަށް ރަސްމީކޮށް އެއްވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި ދެޕާޓީން ކޮންމެވެސް ވަރަކަށް ނުރަސްމީކޮށް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރާ ދެމެދު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ކުރި ރަސްމީ މަޝްވަރާގައި އެއްވެސް ނަތީޖާއެއް ނިކުމެފައެއް ނުވެ އެވެ. އެގޮތުން، ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ކޮށްފައެއް ނުވެ އެވެ.