Advertisement

ކޭން ހެޓްރިކް ހަދައި ބަޔާނަށް މަގާމު ދަމަހައްޓައިދީފި

20 އޮކްޓޯބަރު 2024 - 00:15 0


ކޭން ހެޓްރިކް ހަދައި ބަޔާނަށް މަގާމު ދަމަހައްޓައިދީފި

20 އޮކްޓޯބަރު 2024 - 00:15 0

މިއުނިކް (އޮކްޓޫބަރު 20) - ޖަރުމަނު ލީގުގައި ހެރީ ކޭންގެ ހެޓްރިކާ އެކު، 4-0 އިން ސްޓުޓްގާޓް ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން ކުޅުނު މެޗުން ވަނީ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-1 އިން މޮޅުވެފަ އެވެ. އާރްބީ ލައިޕްޒިގުން ކުރިހޯދީ މައިންޒް އަތުން 2-0 އިންނެވެ.

ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ލައިޕްޒިގާ އެއްވަރަށް ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ފްރެއިބުން 3-1 އިން އޮއުސްބާގް ބަލިކޮށް، ހަތް މެޗުން 15 ޕޮއިންޓް ހަމަކުރިއިރު، ލެވަކޫސަނަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނަށް ކޭން ހެޓްރިކެއް ހަދައިދިންއިރު، އޭނާ މި ވަނީ މި ފަަހަރު ލީގުގައި އަށް ގޯލު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސީޒަނުގައި މިހާތަނަށް ކޭން ވަނީ ނުވަ މެޗުން 10 ގޯލު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބަޔާންގެ އަނެއް ގޯލު ޖެހީ ކިންގްސްލީ ކޯމަން އެވެ. މިއީ، ޖޯޝުއާ ކިމިކް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

އޮމަރު މާމޫޝްގެ ޕެނަލްޓީން ފްރޭންކްފާޓް ލީޑުނެގި މެޗުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަކޫސަނަށް އެއްވަރިކޮށްދިނީ ރޮބާޓް އަންޑްރިޗް އެެވެ. ދެ ވަނަ ހާފުގައި ލެވަކޫސަން މޮޅުވީ، ވިކްޓަ ބޮނިފޭސް ޖެހި ގޯލުންނެވެ.

މައިންޒް ދަނޑުގައި ލައިޕްޒިގު މޮޅުކޮށްދިން ލަނޑުތައް ޖެހީ ފުރަަތަމަ ހާފުގަ އެވެ. އެ ގޮތުން، ޒަވީ ސިމޯންސް އެ ޓީމަށް ލީޑުނަަގައިދިންއިރު، ދެ ވަނަ ލަނޑު ޖެހީ ވިލީ އޯބާން އެވެ.